ރާއްޖެ އާއި ރޮމޭނިއާ އިން އެއް ގައުމު އަނެއް ގައުމަށް ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ އެވެ.
މިކަމަށް އެއްބަސްވިކަން އިއުލާންކުރީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޮމޭނިއާ އަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރު ނިންމަވައިލެއްވުމުގެ ގޮތުން، އެ ގައުމުގެ ފޮރިން މިނިސްޓަރު ތިއޯޑޯ މެލެސްކާނޯ އާ އެކު ނެރުއްވި ގުޅިފައިވާ ބަޔާނުގަ އެވެ.
ބަޔާނުގައި ވާ ގޮތުން، ދެ ގައުމުގެ ޚާރިޖީ ވަޒީރުން މިދިޔަ ހުކުރު ދުވަހު ބޭއްވެވި ބައްދަލުވުމުގައި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އެއްބާރުލުން އިތުރުކުރަން ދެބޭފުޅުން މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ވިޔަފާރި، ޓޫރިޒަމް، ތައުލީމީ ދާއިރާ އަދި ކާބޯތަކެތި އުފެއްދުުމުގެ ދާއިރާ ހިމެނެ އެވެ. އަދި، ކާރިސާތަކުން ލިބޭ ގެއްްލުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމުގައި ފަންނީ އެއްބާރުލުން އިތުރު ކުރުމަށް ވެސް މަޝްވަރާ ކުރެއްވި އެވެ. ބައިނަލްއަގްވާމީ މުޖުތަމައުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވާހަކަތަކުގައި މަޝްވަރާ ކުރެއްވި ކަމަށް ބަޔާނުގައި ވެ އެވެ.
ދޭދޭ ގުޅުމާއި ސަރަހައްދީ ކަންކަމުގައި ގަވައިދުން މަޝްވަރާ ކުރުމާ ގުޅޭ، މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިންއެއް ގައި ޝާހިދާއި މެލެސްކާނޯ ގެ މަޝްވަރާތަކަށް ފަހު، ރާއްޖެ އާއި ރޮމޭނިއާ އިން ވަނީ ސޮއިކޮށްފަ އެވެ.
ޝާހިދު، ރޮމޭނިއާ އަށް ވަޑައިގަތީ، އެ ގައުމުގެ ފޮރިން މިނިސްޓަރު ތިއޮޑޯ މެލެސްކާނޯގެ ދައުވަތަކަށެވެ. މި ދަތުރު ގައި ޝާހިދު ވަނީ ރޮމޭނިއާގެ އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާތައް ކުރައްވައިފަ އެވެ. އޭނާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ރޮމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަޗޯލްއާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ރޮމޭނިއާ އަށް ކުރެއްވި ދަތުރު މިއަދު ވަނީ ނިންމަވާލައްވައިފަ އެވެ.
މިއީ، ރާއްޖެ އާއި ރޮމޭނިއާ ސިޔާސީ ގުުޅުން ގާއިމްކުރިތާ 40 އަހަރު ފުރޭ އަހަރެވެ.