ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރި މައްސަލަ ޕޮލިހަށް

ށ.ފޭދޫގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ހޮޅިދަނޑިއެއްގައި ބަނދެ އޭނާއަށް އަނިޔާކުރި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ޖެންޑާ މިނިސްޓްރީން ޕޮލިހަށް ހުށަހަޅައިފި އެވެ.


ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. ފޭދޫގައި އަންހެނަކަށް ރަހުމް ކުޑަ އަނިޔާތަކެއް ދިން މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް އަނިޔާކުރުމުން އަދަބު ނުލިބޭނެ ކަމަށް ގެންގުޅޭ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ޝިދާތާގެ ޓްވީޓް

ނަފްސާނީ އުނިކަމެއް ހުންނަ އަންހެންމީހާއަށް މިދިޔަ ހޯމަ ދުވަހު ބަޔަކު އަނިޔާކުރި މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައީ އިއްޔެ އެވެ. އެއާ އެކު ޖެންޑާ މިނިސްޓްރީން ވަނީ އޭނާ އާއި އޭނާގެ އަންހެން ދަރިއަކު ދައުލަތުގެ ބެލުުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ދެމައިން ގެންދިޔައީ ށ. ފުނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ މަރުކަޒަށެވެ.

އަންހެންމީހާގެ އިތުރު ހަތަރު ކުދިން ތިބެ އެވެ. އޭގެތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިން ތިބެ އެވެ. އަންހެންމީހާ އާ މެދު އަނިޔާވެރި އަމަލު ހިންގި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މިނިސްޓަރު ޝިދާތާ ޝަރީފް ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.