ގަވައިދާ ހިލާފަށް ޕާކްކޮށްގެން މިދިޔަ ހަފުތާގައި 800 ސްޓިކާ ޖެހި

ގަވައިދާ ހިލާފަށް ޕާކް ކުރި ވެހިކަލްތަކުގައި މިދިޔަ ހަފުތާގައި 800 އަށް ވުރެ ގިނަ ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.


ފުލުހުން އާންމުކުރި މިދިޔަ ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް ގަވައިދާ ހިލާފަށް ޕާކްކޮށްގެން 814 ސްޓިކާ ޖެހި އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ގަވައިދާ ހިލާފުވެގެން ޖެހީ 776 ސްޓިކާ އެވެ.

ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ހަފުތާގައި މާލޭގައި 54 އެކްސިޑެންޓެއް ހިނގައި 20 މީހަކަށް އަނިޔާވި އެވެ. އަދި އެކި މައްސަލަތަކުގައި 12 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެ އެވެ.

ފުލުހުން އާންމުކުރި މިދިޔަ ހަފުުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލެ އިން 502 އުޅަނދެއް ބަލައި ފާސްކުރި އިރު، ގިނަ އިން ހުރީ ޓްރެފިކް ގަވައިދާ ހިލާފުވެގެން ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ހަތަރު ފުރޮޅުލީ 12 ވެހިކަލާއި 16 ސައިކަލެއް ވަނީ ޓޯކޮށްފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އެންމެ ގިނައިން ފާހަގަވީ ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކެވެ. އެގޮތުން ލައިސަންސް ނެތި ދުއްވުމުގެ 89 މައްސަލައެއް ފާހަގަވި އިރު، އަތުގައި ލައިސަންސް ކާޑު ނެތި ދުއްވުމުގެ 47 މައްސަލައެއް ފުލުހުންނަށް ފާހަގަވި އެވެ.

މީގެއިތުރުން އަހަރީ ފީ ނުދައްކާ 25 މައްސަލައެއް، ރޯޑްވާދިނަސް ނަހަދާ ދުއްވުމުގެ 19 މައްސަލައަކާއި އިންޝުއަރެންސް ނެތި ދުއްވުމުގެ 29 މައްސަލައެއް ފާހަގަވި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ބާރަށް ދުއްވައިގެން 13 މައްސަލައެއް ފާހަގަވި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ވެހިކަލް ދުއްވުމާއި ޓްރެފިކް ލައިޓްތަކަށް އިހްތިރާމް ނުކުރުމުގެ މައްސަލަތަކާއި ހެލްމެޓް ނާޅައި ދުއްވުމާއި ފޯނު ނުވަތަ ހެޑް ސެޓް ޖަހައިގެން ދުއްވުމާއި ގަވާއިދަ ހިލާފަށް އުޅަނދުތަކުގައި މުދާ އުފުލުމުގެ މައްސަލަތަކާއި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދުއްވުމުގެ ބައެއް މައްސަލަތައް ވެސް މިދިޔަ ހަފުތާގައި އެބަހުއްޓެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްގެން ގިނަ އަދަދެއްގެ ސްޓިކާ ޖަހަމުން އަންނަ އިރު، ޕާކްކުރާނެ ތަނެއް ހޯދައި ނުދީ، ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަމުން އަންނާތީ އާންމުން ފާޑުކިޔަ އެވެ. ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ވަޔަލޭޝަން ސްޓިކާ ޖެހުން މި ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި އެވެ.

ސްޓިކާ ޖެހުން ހުއްޓާލުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަމައެއްލަމައެއް ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. ސްޓިކާ ޖެހުމުގެ ބަދަލުގައި މި ސަރުކާރުން މީހުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ވެސް ކުރި އެވެ. އެކަމަކު، އެކަމުން މާ ބޮޑު ހައްލެއް އައި ތަނެއް ނުފެނުމާ ގުޅިގެން ފުލުހުން ސްޓިކާ ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.