ރުއް ނަގާ ގަވައިދަށް ހިޔާލު ހޯދަން ފޯރަމެއް

ރުއް ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ ގަވައިދު އިސްލާހު ކުރުމަށް ހާއްސަ ފޯރަމެއް ބާއްވަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފި އެވެ.


އެ ފޯރަމް ބާއްވަން ނިންމާފައިވަނީ އަންގާރަ ދުވަހުގެ ރޭ 9:30 ގައި ސަލްޓަން ޕާކްގަ އެވެ. އެ ފޯރަމްގައި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި އެ މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި)، "މިހާރު" އަށް ވިދާޅުވީ ރުއްގަސް ކެނޑުމާ ބެހޭ ގަވައިދަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވާއިރު، އާއްމުންގެ ހިޔާލުތައް އާ ގަވައިދު ހެދުމުގައި ބޭނުންކުރާނެ ކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ބަޔަކު އެ ފޯރަމުގައި ބައިވެރިވެ ހިޔާލު ދިނުމަށް ޒާހިރު އެދިވަޑައިގަތެވެ.

"ރުއްގަސް ކަނޑައިފިއްޔާ ޖޫރިމަނާ ކުރަންވީހޭ. ނޫނީ ކޮން ފިޔަވަޅެއްހޭ އަޅަންވީ. ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދެއްކީމަ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ އެ ހިޔާލުތައް ހޯދަން. އެހެންވެ ވީހާވެސް ގިނަ ބަޔަކު ފޯރަމަށް ވަޑައިގެން އެ ހިޔާލުތައް ދެއްވުމަށް އެދެން،" ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ރުއްގަސް ނެގުމާ ބެހޭ ގޮތުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ކަނޑާ ނުވަތަ އުފުރާ ނަމަ އެ އެޖެންސީގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި އެއްފަހަރާ 200 ރުކަށް ވުރެ ގިނައިން ނަގާ ނަމަ އީއައިއޭ ރިޕޯޓެއް ވެސް ހަދަން ޖެހެ އެވެ. ނަމަވެސް އެ ގަވައިދަށް އަމަލެއް ނުކުރެ އެވެ.

އަލަށް ތަރައްގީކުރާ ރިސޯޓްތަކަށް، އެހެން ރަށްރަށުން ރުއް ގެންދާ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އެކަން ހުއްޓުވުމަށް އަޑުއުފުލި ނަމަވެސް ގިނަ ރަށްތަކަކުން އެތައް ސަތޭކަ ރުކެއް އެއް ފަހަރާ ނަގައިގެން ވަނީ ގެންގޮސްފަ އެވެ.