މުހީތުގެ މަރުގެ މައްސަލާގައި ކުށްވެރިވި ދެ މީހުން މަރަން ހުކުމްކޮށްފި

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.


ފެބްރުއަރީ 2012 ގައި، ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު އަބްދުލް މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ މައްޗަށެވެ. އޭގެ ތެރެއިން މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ހަފުތާގައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މުހީތު މަރުވެފައިވަނީ މައިމޫނާއި މުހުޖަތާއި އިތުރު ބަޔަކު ބައިވެރިވެގެން މުހީތަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ހަމަލާދިން މީހުންނާ އެކު ސައިކަލުތަކުގައި އެތަނަށް ދިޔަަ މީހުންގެ ތެރޭގައި މައިމޫން ހިމެނޭ ކަން އަދި މުހީތަށް ހަމަލާދިން މީހުންގެ ތެރޭގައި މުހުޖަތު ހިމެނޭ ކަން ހެކިންގެ ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

މުސްލިމުން ލޭ ހައްގަކާ ނުލައި އޮހުރުވުމަކީ އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ކަން ފާހަގަކޮށް، އަދި މުހީތުގެ ލޭ އޮހޮރުވަންޖެހޭ ފަދަ އެއްވެސް ސަބަބެއް މެދުވެރިވެފައި ނެތް ކަމަށެވެ. އަދި ޝަރުއީ އަމުރަކަށް ނުކިޔަމަންތެރިވާ މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އެކަމަށް އޮންނަ އަދަބެއް ކަމަށް އެ ހާދިސާ ހިނގިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގައި އޮންނައިރު، ކުށް ކުރިއިރު އެކަމަށް ފަސޭހަކޮށް ދޭ ނުވަތަ ސަލާމަތްވާން ފަސޭހަކޮށްދޭ މީހަކީ ވެސް އެ ކުށްކުރި މީހެއް ކަމަށް ކުރީގެ ގާނޫނުލް އުގޫބާތުގައި އޮންނަ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މުހީތު

މީގެ އިތުރުން ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް އިސްލާމީ ޝަރީއަތުގައި އޮންނަ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ހާލަތުގައި އެ މީހެއްގެ މައްޗަށް ހައްދުގެ އަދަބު ކަނޑައަޅަން ޖެހޭނެ ކަމަށް މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގައި ބުނާކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ހައްގަކާ ނުލައި މީހަކު މަރައިފި މީހެއްގެ އަދަބަކީ މަރަށް މަރު ހިފުން ކަމަށް އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މުހީތުގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެކަމަކީ މަރަށް މަރު ހިފޭނެ ފަދަ ގަސްދު މަރެއް ކަމަށް އިސްލާމީ ޝަރީއަތުގެ އިލްމުވެރިން އިއްތިފާގުވާ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ތަމާލުއުގެ އުސޫލުން ބަލާއިރު، ޖަމާއަތެއްގެ ބައެއްގެ މެދުގައި މީހަކު މެރުމުގެ ގަސްދު އޮންނަ ހާލަތުގައި، އެއިން ކޮންމެ މީހަކު ކުރާ އަމަލަކީ އޭގެ ޒާތުގައި މީހަކު މަރުވެދާނެ ފަދަ އަމަލެއް ކަމަށް ނުވިޔަސް، އެ އަމަލުގައި ބައިވެރިވި ކަން ސާބިތުވާ މީހުންނަކި އެ މަރެއްގައި ބައިވެރިވި ބައެއް ކަމަށް ބެލެވޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެ މީހުންގެ ކިބައިން މަރަށް މަރު ހިފޭނެ ކަމަށް ހައި ކޯޓުން ވެސް ކުރިން ކަނޑައަޅާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުން މައިމޫން ކުށްވެރިވާ ކަމަށާއި އަދި މީހަކު މެރުމުގެ ކުށުން މުހުޖަތު ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ދެ މީހުން މަރަން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

"އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ ޚިލާފް ނުވާނެ ގޮތުގެ މަތިން ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫން މަރާލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި، މިގޮތުގެ މަތިން ހުކުމްކޮށް، މި ގަޒިއްޔާ ނިންމީމެވެ." އެ ހުކުމުގައިވެ އެވެ.

މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު މަރަން ޖުވެނައިލް ކޯޓުން ކުރިން ހުކުމް ކޮށްފައިވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.