އަލިފާނުގެ ނުރައްކާ ހާދިސާއެއް ކޮންޓްރޯލްކުރަން ފުލުހުން ނަމޫނާ ދައްކައިފި

މާލޭގެ ކެފޭއެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ނަމޫނާ ދައްކައި އެ ތަން ސަލާމަތްކޮށްފި އެވެ.


އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ، އަރަބި ކެެއުންތަކަށް ހާއްސަ ތޫމް ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކުރީ މިރޭ 10:20 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި އެ ރިޕޯޓް ލިބުނުތާ ދެ މިނެޓް ތެރޭގައި ފުލުހުން ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައި ހުރި، އަލިފާން ނިވާ ދެ ފުޅިއާ އެކު، ހާދިސާ ހިނގި ތަނަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފަ އެވެ.

އަލިފާނުގެ ހާދިސާގައި ތޫމް ކެފޭގެ ބަދިގެ އަށް ގެއްލުންވެފައި. -- ފޮޓޯ: ޕޮލިސް

ކެފޭގައި މީހުން ހިދުމަތް ހޯދަން ތިއްބާ ހިނގި މި ހާދިސާގައި ރޯވެފައި ހުރީ ރެސްޓޯރަންޓުގައި ބޭނުންކުރާ ނުވަ ގޭސް ފުޅީގެ ތެރެއިން އެއް ފުޅީގަ އެވެ. އެ ފުޅި ގޮވައި އަލިފާން އިތުރަށް ފެތުރުމުގެ ކުރިން ފުލުހުން ވަނީ ފަސް ވަރަކަށް މިނެޓްގެތެރޭގައި އަލިފާން ނިއްވާލައިފަ އެވެ. ގޭސް ފުޅީގައި ރޯވެ ބަދިގޭގައި ހުރި އެހެން ބައެއް އެއްޗެހީގައި ވެސް ރޯވެފައި ވަނިކޮށް އަލިފާން ނިއްވާލަން ގަލޮޅު ޕޮލިސް ސްޓޭޝަންގެ އިތުރުން، ހާދިސާ ހިނގި ތަނާ ކައިރީގައި ހުންނަ ޗައިނާ ގާޑެން ރެސްޓޯރަންޓުން ވެސް އަލިފާން ނިވާ ދެ ފުޅި ގެންގޮސް ބޭނުންކުރި އެވެ. އަދި މީގެ އިތުރުން ތޫމް ކެފޭގައި ހުރި ތިން ފުޅިއެއް ވެސް ބޭނުންކުރި އެވެ.

އަލިފާން ރޯވުމުން ތޫމް ކެފޭއިން ކަރަންޓު ކަނޑާލައި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ރޯވެފައި ހުރި ގޭސްފުޅި ނިއްވާލައި ބޭރަށް ނެރެ އަދި އެތަނުގައި ހުރި އެހެން ގޭސް ފުޅިތައް ވެސް ފުލުހުން ވަނީ ބޭރަށް ނެރެފަ އެވެ.

އަލިފާން ރޯވި ގޭސް ފުޅި -- ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބަދިގެއަށް ވެސް އަލިފާނުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުވެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި އަލިފާން ރޯވި އިރު ކެފޭގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ރޯވުމާ އެކު އެންމެން އެތަނުން އެކި ގޮތްގޮތުން ނުކުތް ކަމަށާއި ވަރަށް އަވަހަށް އަލިފާނުގެ އަސަރު ވެސް ކެނޑުނު ކަމަށް އެ ތަނުގައި ތިބި ބައެއް މީހުން ބުންޏެވެ.