ބޭރުގެ ކޮޅުވެއްޓިއަކަށް މިފަހަރު ބަރުކުރީ ރުއްތަކެއް

ރާއްޖެއިން ބޭރުގެ ކޮޅުވެއްޓިއަކަށް ލ. ގަމުގައި ރުއްތަކެއް ބަރުކުރާ މައްސަލައެއް ކަސްޓަމްސް އިން ބަލަން ފަށައިފި އެވެ.


ކަސްޓަމްސުން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓް ހެދުމުގެ މަޝްރޫއުއަކަށް ރާއްޖެ ގެނެސްފައިވާ ބޭރުގެ ކޮޅުވެއްޓިއަކަށް ގަމުގައި ރުއްތަކެއް ބަރުކުރާ ކަމުގެ މައުލޫމާތު އިއްޔެ ލިބިފައިވާ ކަމަށެވެ. އެކަން އިތުރަށް ބެލިއިރު، އެ ރުއްތައް ބަރުކުރަނީ ގަމު ކައުންސިލްގެ ހުއްދަ ލިބިގެން ކަން އެނގިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ގަމު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރަށުން ބޭރު ކުރަން އުޅުނީ މަގެއް ހެދުމަށްޓަކައި މީގެ ކުރިން ނީލަން ކިޔާފައި ހުރި ރުއްތަކެއް ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ކަމާ ބެހޭ ލިޔުންތައް ވެސް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ކައުންސިލުން ހުއްދަ ދިނީ އެ ރުއްތައް ބޭރުކުރަން،" އެ މެމްބަރު ވިދާޅުވި އެވެ.

އެކަމަކު އެއީ ކިތައް ރުއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ލ . ހިތަދޫ ކައިރީގައި ބޭރުގެ އެހެން އުޅަނދަތަކަށް ވެލި ބަރުކޮށްފައި އޮއްވާ ފެނުނު މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުންނެވެ. ވެލި ބަރުކޮށްފައި އޮއްވާ ފެނުނީ ސިނަމާލެ ބްރިޖްގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި ރާއްޖެ އެތެރެކުރި އުޅަނދެއް ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.