ގދ. ރަތަފަންދޫ ފިހާރަޔަކުން ހުކުރު ދުވަހުގެ ދަންވަރު ވަގަށް ނެގި ފައިސާ ހޯދައި ވައްކަމުގެ ތުހުމަތާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވައްކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 27 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖެއް ކަމަށެވެ.
ފިހާރަ އިން 20،900ރ. ވަގަށް ނަގާފައިވެ އެވެ. އޭގެ އިތުރުން 412 ޑޮލަރާއި 10 ޔޫރޯގެ އިތުރުން ދެ ސިގިރޭޓު ކާޓަން ވެސް ވަގަށް ނަގާފައިވެ އެވެ.
ވަގަށް ނެގި ފައިސާ އާއި ތަކެތި ހޯދީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނާ ގުޅުން ހުރި ތަންތަނާއި ރަށުގެ އެކި ތަންތަނުގައި ވަޅުލާފައި ހުއްޓަ އެވެ.
ހައްޔަރުކުރި ހަތަރު މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ގދ. ތިނަދޫ ކޯޓުން ރޭ ވަނީ ތިން ދުވަސް ދީފަ އެވެ.