މަތީ ތައުލީމުގެ ލޯނު ހަމަޖެހުނީ މަދު ބަޔަކަށް

މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް ކުރިމަތިލީ ގިނަ ބަޔަކަށް ލޯނު ހަމައެއް ނުޖެހުނެވެ.


ލޯނު ލިބުނު ފަރާތްތަކުގެ ތަފުސީލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން، ލޯނު ހަމަޖެހުނީ ކުރިމަތިލީ 242 މީހުންގެ ތެރެއިން 79 މީހަކަށެވެ.

އެކި ދާއިރާތަކުގެ މައުލޫމާތު ވަކި ވަކިން އެނގޭނެހެން އާއްމުކޮށްފައިވާ އިރު ބައެއް ދާއިރާތަކުން އެކަަކަށް ވެސް ލޯނު ހަމަޖެހިފައެއް ނުވެ އެވެ. ތަރިކަ އާއި ސަގާފަތުގެ ދާއިރާ އިން މާސްޓާސް ޑިގްރީ އަށް ކިޔެވުމުގެ ލޯނަށް އެދުނީ އެންމެ މީހެކެވެ. އޭނާ އަށް އެ ލޯނެއް ނުލިބެ އެވެ.

އެންމެ ގިނަ ބަޔަކު ލޯނަށް އެދުނީ ބޭނުން ދާއިރާއަކުން ވަކި ގައުމުތަކުން ކިޔެވުމަށް ހުޅުވާލި ފުރުސަތަށެވެ. އެ ދާއިރާއިން 332 މީހުން ލޯނަށް އެދުނު އިރު ލޯނު ހަމަޖެހުނީ 30 މީހަކަށެވެ. އެއީ އެންމެ 9.3 ޕަސެންޓެވެ.

ހަޔާ އެޑިއުކޭޝަނުގެ އިއުލާނުގައި ބުނީ ލޯނު ލިބޭ ދަރިވަރުންނަށް މި މަހުގެ 11، 12 ގައި އީމެއިލް އަކުން އަންގާނެ ކަމަށެވެ. އެކަމާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ސާފު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގިނަ ދަރިވަރުންތަކެއް ލޯނަށް ޝަރުތު ހަމަނުވި ސަބަބު އެ ދަރިވަރުންނަށް އަންގާނެ ކަމަށެވެ.

ރާއްޖޭގައި ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކުދިން ސާނަވީ އަދި މަތީ ސާނަވީ ނިންމުމަށް ފަހު މަތީ ތައުލީމުގެ ފުރުސަތުތައް ހޯދަން ނިކުންނަ އިރު އެންމެ ބޮޑު ގޮންޖެހުމަކަށް އޮންނަނީ މާލީ ދަތިކަމެވެ. މަތީ ތައުލީމަށްދޭ ލޯނަކީ އެކަން ހައްލު ކުރަން ތައާރަފް ކުރި ހިދުމަތެކެވެ.