އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގައި އަލަށް ބެހެއްޓި 1.6 މެގަވޮޓްގެ އިންޖީނުން 1.3 މެގަވޮޓްގެ ހައި ލޯޑްގައި މިހާރު ކަރަންޓް ދެމުން އަންނަ ކަމަށެވެ.

އެހެންވެ، ކުރިން ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ބުންޏެވެ.

މަރުކަޒީ އިންޖީނު ގޭގައި މިދިޔަ އަހަރު ދެ މެގަވޮޓްގެ ދެ ޖަނަރޭޓަރު އިންސްޓޯލްކޮށް، ކަރަންޓް ދެމުން ދިޔަ ނަމަވެސް އެ އެއްޗިއްސަށް މައްސަލަތައް ޖެހި ކަރަންޓް ކެނޑުމަކީ އާންމު ކަމެކެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ފެނަކަ އިން މަސައްކަތް ކުރަމުން އަންނަ އިރު، 20 މެގަވޮޓްގެ ޕަވަ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުން އަންމަ ކަމަށް ވެސް އެ ކުންފުންޏެވެ.