ފަހަކަށް އައިސް، ހޫނު މޫސުމުގައި ކަރަންޓު ދިނުމަށް ޑީސަލަށް ކުރަންޖެހޭ ހޭދަ ކޮންމެ ރަށެއްގައި 25 ޕަސެންޓު އިތުރުވާ ކަމަށާއި އޭގެ މާނައަކީ ބިލްތައް ހެދުމުގައި އެއްވެސް މައްސަލައެއް ނެތުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވިދާޅުވީ ކޮންމެ އަހަރަކު ވެސް މާޗު އަދި އޭޕްރީލް މަހު އަންދަންޖެހޭ ތެލުގެ ނިސްބަތް ވެސް އިތުރުވާ ކަމަށެވެ.
"އެހެންވީމާ ޔަގީކަން އެބައޮތް ހަމަ [ކަރަންޓު ބޭނުންކުރާ ވަރު] ޖެނެރޭޝަންގެ އިންކްރީޒެއް ކަން މި އުޅެނީ، ބިލިންގެ މައްސަލައެއް ނޫންކަން ހަގީގަތުގައި،" ނާޝިތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުތަކަށް ބަލާއިރުު ވެސް ކަރަންޓު ބޭނުންކުރާ ނިސްބަތަކުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލްމަހުގެ ނިޔަލަށް އިތުރުވެ އެވެ.
ހޫނު ދުވަސްވަރު ކަރަންޓު ބޭނުންކުރާ ވަރު އިތުރުވާ ނިސްބަތާ ގުޅުވައި ނާޝިތު މިސާލު ޖެއްސެވީ ފަސް ބުރި އާއި 15 ބުރީގެ ގެއަކަށް ސިޑިން އަރަން ވެއްޖެ ނަމަ މީހާ އަށް ކުރިމަތިވާ ވަރުބަލި ކަމެވެ.
"ފަސްބުރިއަށް އަރާއިރު އެ ދާ ހަކަތައަށް ވުރެ 15 ބުރިއަށް އަރާއިރު ދާ ހަކަތަ ބޮޑުވާނެ ގޭގައި އިތުރު ބުރިއެއް އިތުރު ނުވިޔަސް. ހަމަ އެ ގޮތަށް ގޭގައި އިތުރު ޑިވައިސްއެއް އިތުރު ނުވިޔަސް އެ ޑިވައިސް ހޭދަކުރަންޖެހޭ ހަކަތަ އެބަ ބޮޑުވޭ ޓެންޕަރޭޗާ ޑައުންކުރަން،" އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ޝުޖާއު ވިދާޅުވީ، މިދިޔަ ރޯދަމަހުގެ ކަރަންޓު ބިލުން 400ރ. ގެ ޑިސްކައުންޓެއް ސަރުކާރުން ހަމަޖައްސައިދިނުމުން ކަރަންޓު ބޭންކުރާ ވަރު އިތުރުވެފައިވާކަން ފާހަަގަވި ކަމަށެވެ.
އޭނާ ވިދާޅުވީ، 400ރ. ގެ ޑިސްކައުންޓުގެ ބިލް ތައްޔާރުކުރީ ރޯދަމަހުގެ ފުރަތަމަ ދުވަސް (ފެބްރުއަރީ 18) އިން މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
"މި ސައިކަލް ތެރޭގައި ހިމެނޭ އީދު އެބަ ހިމެނޭ. ޝައްވާލް މަހުގެ ދުވަސްތައް ވެސް އެބަ ހިމެނޭ، ހަ ރޯދަ ދުވަސްވަރު. އެހެންވީމާ ޔޫސޭޖު ހަމަ ރޯދަމަހު ފޮލޯކުރި ގޮތަށް އެ ޓްރެންޑް އައިސްފައި މި އޮތީ. އެއީ އަޅުގަނޑުމެންގެ ހިސްޓްރީން ފެންނަން ހުންނަ ޑޭޓާ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލް ބޭނުންކުރި ނިސްބަތް ފެންނަނީ އެއްވަރަށް ކަމަށާއި އިތުރު ކަމެއް ފެނަކައިން ނުކުރާ ކަމަށެވެ.
"ހޫނު މޫސުމަށް އައިސްފައިވާ ބަދަލަކުން ކަމަށް އަޅުގަނޑުމެންނަށް ވެސް މި ފާހަގަކުރެވެނީ،" ޝުޖާއު ވިދާޅުވި އެވެ.
ކަރަންޓު ބިލް ބޮޑުވާ ބައެއް ސަބަބުތަކާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ، ކަރަންޓު ނަރުތައް ހޫނަށް ހުށަހެޅިފައިވާ ވަރު އިތުރުވާ ނަމަ ވެސް ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުވާނެ ކަމަށެވެ. އެއީ ކަރަންޓު ދައުރު ކުރުމަށް ހުރަސް އެޅުމުން ދިމާވާ ކަމެއް ކަަމށް އޭނާ ވިދާޅުވި އެވެ.
ނާޝިތު ވިދާޅުވި ގޮތުގައި ފެނަކައިން ބޭނުންކުރާ މީޓަރުތަކުގައި އެއްވެސް މައްސަލައެއް ނޫޅޭނެ އެވެ. އާންމުންނަށް މީޓަރުތައް ދޫކުރަނީ ރާއްޖެ ގެނެސް ފެނަކައިން ވެސް ޓެސްޓު ކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކް ކޮށްދޭނެ ކަމަށް ފެނަކައިން ރޭ ވަނީ ބުނެފަ އެވެ.