ބައްޕަގެ މައްސަލަ ހުށަހަޅަން ދިޔަ ކުއްޖާއަށް ބަޔަކު ވަނީ ޖިންސީ ގޯނާ ވެސް ކޮށްފައި

ބައްޕަގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭތީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.


އެކަމަކު، އެ ކުއްޖާ އަށް އެހެން ބައެއްގެ ފަރާތުން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައުލޫމާތު ތަހުގީގުގެ ތެރޭގައި އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ފުލުހުން ވަނީ އެ ކުއްޖާ ޑޮކްޓަރަށް ދައްކައި ހަގީގަތް އޮޅުން ފިލުވައިފަ އެވެ.

ފުލުހުން ބުނީ ނަފުސާނީ މައްސަލަތަކެއް ހުންނަ ކުއްޖާ އަށް ޖިންސީ އަނިޔާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމާ އެކު، ޑޮކްޓަރަށް ދެއްކުމުން އެކަން ޔަގީން ވެފައިވާ ކަމަށެވެ.

އއ. އަތޮޅު ރަށަކަށް ނިސްބަތްވާ ކުއްޖާގެ ބައްޕަ އޭނާ އަށް ޖިސްމާނީ އަނިޔާކުރާ މައްސަލަ އަމިއްލަ އަށް ހުށަހެޅީ އެ ރަށުގެ ޕޮލިސް ސްޓޭޝަށް ގޮހެވެ.

ފުލުހުން މިހާރު އަންނަނީ ބައްޕަގެ ފަރާތުން ކުއްޖާ އަށް ލިބުނު ޖިސްމާނީ އަނިޔާ އާއި އެހެން ބައެއް މީހުންގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ މައްސަލަ ވަކިވަކިން ބަލަމުންނެވެ. އެކަމަކު މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.