ހިތަދޫ އެޕޯލޯ ފިހާރައިގެ ތިޖޫރީ ހަލާކުކޮށްލައި ވަލެއްގެ ތެރެއަށް އެއްލާފައި: އޭގައި ހުރި 1200 ޑޮލަރާއި 14،000 ރުފިޔާ ފުލުހުން ވަނީ ހޯދާފައި -- ފޮޓޯ: އައްޑޫލައިވް
12 ޖޫން 2019 - 16:45
އައްޑޫ ހިތަދޫގެ އެޕޯލޯ ފިހާރައިން މިދިޔަ މަހު ވަގަށް ނެގި ތިޖޫރީގައި ހުރި ގިނަ ފައިސާތަކެއް ހޯދައި، އެ މައްސަލައާ ގުޅޭ ތިން މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އެ ތިޖޫރި ވަގަށް ނަގާފައި ވާ އިރު، އޭގައި 1200 ޑޮލަރު (18،540 ރުފިޔާ) އާއި 27،704 ރުފިޔާ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ތިޖޫރީގައި ނެގި ކަމަށް ބެލެވޭ ޑޮލަރުތަކުގެ އިތުރުން 14،000 ރުފިޔާ ފުލުހުން ވަނީ މިހާރު ހޯދާފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. އެ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ވަނީ 15 ދުވަސް ކަމަށް ފުލުހުން ބުންޏެވެ.
މި ވައްކަން ފުލުހުންނަށް ހުށަހެޅި ދުވަހު އެތަނުން ވަނީ ތިޖޫރީ ހޯދާފަ އެވެ. އެ ރަށު ވަލެއްގެ ތެރެއިން އެ ތިޖޫރީ އެ ދުވަހު ފެނުނު ނަމަވެސް، އޭގައި އެއްވެސް ފައިސާއެއް ނެތެވެ.
ހިތަދޫ ޕޮލޮސް ސްޓޭޝަނުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންބެ
12 June 2019
ހައްޔަރު ކުރެޔޭ ހައްޔަރުކޮށްފަ، އިރުކޮޅެއް ނުވާނެ ނޫހަށް މިއަރަނީ އެ މީހުން ދޫކޮށްލައިފިއޭ، ދެންކިޔަނީ ފާޑެއްގެ އިޖުރާތުތަކާއި ޚިލާފްވެގެން ދޫކުރަން ޖެނުނު ވާހަކަ، މިއީ މާމޮޅު ގާނޫނެއް އޮންނަ ގައުމެއް، އެއްވެސް މީހަކު ހައްޔަރުގަ ނުބެހެއްޓެ... ބޯހަލާކު...