މީހަކާ މެދު އެންމެ އިހުލާސްތެރި ފާޑެއްކިޔޭނީ އޭނާގެ ގާތް މީހުންނަށެވެ. ޒާތީ ތައައްސުބެއް ނެތި ފާޑެއް ކިޔޭނީ ވެސް އެމީހުންނަށެވެ. ހަތް މަސް ފުރިި އަށް މަހަށް އަޅާފައިވާ ސަރުކާރާ މެދު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ދެކޭ ގޮތް، އެ ނަޒަރުން ބަލާއިރު، އެންމެ ރަނގަޅެވެ.
އަބްދުއް ރަހީމް 40، އަކީ އެފަދަ މީހެކެވެ. މި ސަރުކާރު ގެންނަން އޭނާ ނުކުރާ މަސައްކަތެއް، ނުހިނގާ މަގެއް ނެތެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރެއްވިތާ ދެ ދުވަހެއް ފަހުން ދިމާވި ގޮތަށް ނުފެނި ހުރެފައި އޭނާއާ ބައްދަލުވުމުން އެންމެ ޝައުގުވެރިވީ ސަރުކާރާ މެދު އޭނާ ދެކޭ ގޮތެއް ބަލައިލާށެވެ.
"އަދި މިދާ ގޮތުން މާ ބޮޑު އުފަލެއް ނުވޭ. މިހާ ބޮޑު ތާއީދަކާ އެއްކޮށް ސަރުކާރު ހިންގަން ލިބުނީމާ ވާން ޖެހޭނީ މިވަރެއް ނޫން،" އޭނާ ބުންޏެވެ.
އިންސާފު ލިބޭނެހެން ހިއެއް ނުވޭ
އެންމެ ފުރަތަމަ ވެސް އަބްދުއް ރަހީމް ދެއްކީ އިންސާފުގެ ވާހަކަ އެވެ. އޭނާ ދެކޭ ގޮތުގައި ތަރައްގީ އާއި ފުދުންތެރިކަމަކީ އިންސާފު ނުލިބި ހާސިލުވާން ހުރި ކަންތައްތަކެއް ނޫނެވެ. އޭނާ ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅުވާން އޮތީ އިންސާފު ލިބިގެން ކަމަށެވެ. އިންސާފު ނުލިބުމުގެ މިސާލު މާ ދުރު ދުރުން ދެއްކުމުގެ ބަދަލުގައި އަބްދުއް ރަހީމް މިސާލަކަށް ނެގީ އަމިއްލަ ނަފުސެވެ.
"އަންހެނުން ވިހަން ވެގެން މާލެ ގެންނަން ރަށަށް ދާން އުޅުނީމާ ރިސޯޓުން ބުނީ އޮފެއް ނުލިބޭނޭ. މި އިރު މަ އޮފެއް ނުނަގާތާ ފަސް މަސް ވެއްޖެ،" މަސައްކަތްތެރިންގެ ހައްގު ރާއްޖޭގައި ނުލިބޭ ނުލިބުން އަދިވެސް އޮތީ އެގޮތުގައި ކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
އޭނާ އުޅޭ ރިސޯޓުގައި ސާވިސް ޗާޖް ވެސް ހައްގުވާ މިންވަރަކަށް ނުލިބެ އެވެ. ބަންދު ދުވަހެއް ލިބޭނީ ޑިޕާޓްމަންޓްގެ ވެރިޔާ ރުހޭ ހާލަތެއްގައި އެކަންޏެވެ.
"ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ގާނޫނުތައް ރަނގަޅަށް އެބަ ހުރި. ސަރުކާރުން އަހަރެމެންގެ ކަންތައްތައް ބަލާ ރިސޯޓްތަކަށް ފިޔަވަޅު ވެސް އެޅޭނެ. ދެން އެވަރު ނުވަންޏާ ކޮން އިންސާފެއް؟" އޭނާ ސުވާލުކުރި އެެވެ.
އަބްދުއް ރަހީމް ބުނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ބޮޑެތި މައްސަލަތައް ސަރުކާރަށް ބެލޭނީ ފުރަތަމަ މިފަދަ ކުދިކުދި ކަންތައްތައް ކުރަން ފެށޭވަރު ވެގެން ކަމަށެވެ. އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރެވޭނީ ވެސް މިވަރުގެ ކަންކަމުގައި އިހުލާސްތެރިކަން އޮތް ބަޔަކަށް ކަމަށް އޭނާ ދެކެ އެވެ.
"ފަނޑިޔާރުގެ ހަމަޔަކަށް އަޅުވާނީ ކިހިނެއްތޯ ވިޔަފާރިވެރިއަކު ފަނޑިޔާރުގެއަށް ގެންދަން ނުކެރޭ ބަޔަކަށް،" އޭނާ ބުންޏެވެ.
ޖަޒީރާ ރާއްޖޭގެ ވާހަކަ ހުއްޓިއްޖެ
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިއްކެވި އެންމެ ގަޔާވާ ވާހަކަޔަކީ "ޖަޒީރާވަންތަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ހޯދައިދޭނަމޭ" ވިދާޅުވި ދެއްކެވި ވާހަކަފުޅެވެ. ހއ. އަތޮޅު ރަށެއްގައި އަނބިދަރިން ބައިތިއްބާފައި އައިސް މާލެ އަތޮޅު ރިިސޯޓެއްގައި މަސައްކަތް ކުރާ އަބްދުއް ރަހީމް މެން ފަދަ މީހުންނަށް އެއީ އަދި މާ އަސަރުގަދަ ވާހަކައެކެވެ.
"އަހަރެން ހީކުރީ އަހަރެމެންނަށް އަތޮޅު ތެރެއަށް ބަދަލުވެވޭ ފަދަ މަޝްރޫއުތަކެއްގެ ކަންތަކާ އުޅޭނެ ކަމަށް. ވަޒީފާތައް ހީކުރީ އިތުރުވާނެ ކަމަށް. އެކަމަކު އަދި ހަމަ އެކަހަލަ ހިލަމެއް ވެސް ނުވޭ،" އޭނާ ބުންޏެވެ.
ބޮޑެއްގެ ބަފައިބެ މީގެ 14 ވަރަކަށް އަހަރު ކުރިން ނަގާފައި އޮތް ރަށެއް، އަބްދުއް ރަހީމްމެން ރަށް އޮންނަ ފަޅުގައި ޅ. އަތޮޅުގައި އެބަ އޮތެވެ. އެރަށަށް ހަމައެކަނި ކުރަން އޮތް ކަމަކީ ތަރައްގީކުރެވޭ ވަރުގެ މީހަކާ ހަވާލުކުރުމެވެ.
ސަރުކާރަށް ސަރުކާރު ފެންނާނީ ރަނގަޅަށް
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ހެޔޮ ބަދަލުތަކެއް އަތުވެއްޖެ އެވެ. ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ގައުމަށް އައި ހެޔޮ ބަދަލުތައް ފެންނަ ކަމަށެވެ. ކޮރަޕްޝަން އާއްމުވެ، ކުރީގެ ސަރުކާރުގައި އަނިޔާ އާއި އިންސާފަށް ކުރި ޝަކުވާތަކުގެ އަޑު މިހާރަކު ނީވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ތަރައްގީގެ ދުވެލި މިންއެޅުން އޭނާ ދޫކޮށްލެއްވީ ރައްޔިތުންނަށެވެ. ބޮޑެތި މަޝްރޫއުތައް ނުފެށޭ ކަމުގެ ޝަކުވާއާ މެދު ހޫދު ވިދާޅުވީ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ހަ މަސް ތެރޭގައި އެފަދަ މަޝްރޫއުތައް ފެށިފައި ނެތް ކަމަށެވެ. އެއީ ތެދު ވާހަކައެކެވެ.
"ސަރުކާރުގެ ސްޕީޑު، ފާސްޓުތޯ، ސްލޯތޯ، އިންޓަމީޑިއެޓްތޯ ގޫގްލްތޯ ދަންނަވާކަށް އަޅުގަނޑަކަށެއް ނޭނގެ. އެ ނިންމަވާނީ ރައްޔިތުން، އެކަމަކު އަޅުގަނޑަށް އެނގޭ ކަމަކީ ބަދަލުތަކެއް އައިސްފި ކަން،" ހޫދު ވިދާޅުވި އެވެ.
އަބްދުއްރަހީމަކީ ރައްޔިތުންގެ ތެރެއިން އެކެވެ. ސަރުކާރުގެ ކަންކަމާ މެދު އާންމު މީހަކު ނުވިސްނާ ވަރަށް ވިސްނާ މީހެކެވެ. ކުރީގެ ސަރުކާރު ބަދަލުކުރަން މަގުތަކަށް ނުކުތް އެކެކެވެ.
އޭނާ ބުނާ ގޮތުގައި ކުރިއެރުން އިހުސާސްވާން ޖެހޭނެ އެވެ. އެހެންވީމާ ރަނގަޅަށް ކަންތައްތައް ދާ ނަމަ ސަރުކާރުން އެގޮތަށް ވާހަކަ ނުދެއްކިޔަސް އާންމުންނަށް އެނގޭނެ އެވެ.
އޭނާއަށް އިހުސާސް ވަނީ ސަރުކާރުގެ ތެރޭގައި ކޯޅުންތަކެއް އުޅޭ ކަމެވެ. އެކަމަކު އެއީ ޑްރާމާއެއް ކަމެއްް ނޫނީ ހަގީގީ ކޯޅުމެއްކަން ބުނާކަށް އަދި ނޭނގެ އެވެ.
"އެހެންވީމާ މި ބަލަނީ މި ބައިބައިވުން ކޮންމެވެސް ގޮތަކުން ހައްލު ވެއްޖެއްްޔާ ސަރުކާރު ހިނގައިގަންނާނެ ކަމަށް،" ސަރުކާރާ ގުޅިފައިވާ ދެ ފެކްޝަނެއް އެބަ އޮތް ކަމަށް ތުހުމަތުކުރަމުން އޭނާ ބުންޏެވެ.