ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމުގެ ގޮތުން ރާއްޖެ އަށް 20 މިލިއަން ޑޮލަރު ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ. މީގެ ތެރޭގައި ލޯނާއި ހިލޭ އެހީ ހިމެނެ އެވެ.
އެ ބޭންކުން މި އެހީ ދޭން ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ބޭންކުގެ ބޯޯޑް އޮފް ޑިރެކްޓަރުންގެ ބައްދަލުވުމުގަ އެވެ.
އެ ބޭންކުން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލާއި ރަށު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތައް ގުޅިގެން ކުރިއަށްގެންދާ ޕްރޮޮޖެކްޓެކެވެ.
މި ޕްރޮޖެކްޓަށް 20 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާ ކުރެވޭއިރު 10 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 10 މިލިއަން ޑޮލަރަކީ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ކްރެޑިޓްގެ ގޮތުގައި ދޭ ފައިސާ އެވެ.
ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ވަޒީފާގެ މާހައުލުގައި އަންހެނުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އައިސީޓީގެ ދާއިރާއިން ބޫޓު ކޭމްޕު ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ވޯލްޑު ބޭންކުން ބުނީ މި ޕްރޮޖެކްޓުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން މި ސަރުކާރުގެ ނޫ އިގްތިސާދު އެކުލަވާލުމުގައި ފަސޭހަ ވާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.