ޔާމީން ހިބަރު ވަދެއްގައި ޖެއްސީ އަޅުގަނޑު: އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ ސަބަބުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކް ކޮށްލައިފި އެވެ.


އެ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެފައިވާ ގޮތުގައި ފެބްރުއަރީ 1 ގެ އަމުރު ނެރުމުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެންނާނެ ފުރުސަތު ޔާމީނަށް ލިބިވަޑައި ނުގެންނެވި ކަމަށާއި އެހެން ވުމުން އެމަނިކުފާނު ސަލާމަތް ވާނެ ގޮތެއް އެނގިވަޑއިނުގެން "ހިބަރު ވަދެއްގައި" ޖެހިވަޑައިގެންނެވި ކަމަށެވެ.

"އަބްދުﷲ ޝާހިދު ބުންޏެއްނު ހިބަރު ވަދެއްގައި ޖެހިފައޭ. ހިބަރު ވަދުގައި ޖެއްސީ އަހަރެމެން،" އޯޑީއޯގައި އަބްދުﷲ ސައީދު ވިދާޅުވެ އެވެ.

އޯޑިއޯގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އަމަލުކުރެއްވި ގޮތުން ޔާމީނުގެ ވެރިކަން ނިމުނު އިރު އެމަނިކުފާނު އެ ހުންނެވީ މުޖުރިމަކަށް ވެވަޑައިގެންފައި ކަމަށެވެ. އަބްދުﷲ ސައީދު އޭރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ޔާމީން ބައްޔެއް ނުވީސް ކަމަށާއި ބަލިވީ ފެބްރުއަރީ 1ގެ އަމުރާ ގުޅިގެން އަމަލުކުރެއްވި ގޮތުން ކަމަށް ވެސް އޯޑިއޯގައި އޭނާ ވިދާޅުވާ އަޑު އިވެ އެވެ.

އަބްދުﷲ ސައީދު އޭރު ޔާމީނަށް ލަފައެއް ދެއްވައި އެ ލަފަޔާ އެއްގޮތަށް އަމަލު ނުކުރެއްވިކަން ވެސް އޯޑިއޯއިން އެނގެ އެވެ. އެ ގޮތުން ދެއްވި ލަފަޔާ އެއްގޮތަށް އަމަލު ކުރެއްވި ނަމަ ޔާމީން ސަލާމަތްވީސް ކަމަށް ވެސް ވިދާޅުވެ އެވެ.

އީވާން ނަސީމް މަރާލި މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަން ނުވެއްޓުނީ އޭރު އަބްދުﷲ ސައީދު ދެއްވި ލަފަޔާ އެއްގޮތަށް ރިޔާސީ ކޮމިޝަން ހެދުމުން ކަމަށް ވެސް އޭނާ ވިދާޅުވާ އަޑު އޯޑިއޯއިން އިވެ އެވެ.

"އެއީ އަޅުގަނޑު އީވާން ނަސީމްގެ މައްސަލައި މައުމޫނަށް ވެސް ލަފާ ދިނީ. ހަމަ ވަގުތުން ރިޔާސީ ކޮމިޝަނެއް ހަދާފައި މިތައް ދުވަހުގެ ތެރޭގައި މިކަން [ތަހުގީގު]ނުކޮށްފި ނަމަ ސަރުކާރު ވެއްޓޭނޭ. އަޅުގަނޑު އެހެން ބުނީމާ މައުމޫނު އަޅުގަނޑު ބުނިގޮތަށް ހެއްދެވިއޭ،" އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވާ އަޑު އިވެ އެވެ.