ދަރިވަރުން ވިސްނަންވީ އާ އީޖާދުތައް ކުރަން: ރައީސް

މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުން ވިސްނަންވީ އާ އީޖާދުތައް ކުރުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ހައި އެޗީވާސް ސްކޮލަޝިޕާއި ޕްރެޒިޑެންޓްސް އެވޯޑް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުމާއި އެވޯޑް ހަވާލު ކުރުމަށް ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަންތައްތައް ކުރާނެ މޮޅު ގޮތްތައް ހޯދުން ކަަމަށެވެ. މަތީ ތައުލީމަކީ ހަމަ އެކަނި ޔުނިވާސިޓީަގައި ކިޔަވާ ކިޔެވުން ކަމަށް ނުހެދުމަށް ވެސް ދަރިވަރުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ތިޔަ ދަރިވަރުން ދެން އުގެނެންވީ އުފެއްދުންތެރި އާ ގޮތްތައް އީޖާދު ކުރުމަށް. މަތީ ތައުލީމު ހާސިލް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަންކަން ކުރާނެ ރަނގަަޅު އަދި މޮޅު ގޮތްތައް ދެނެގަނެ އެކަމުގެ ހުނަރު ލިބިގަތުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ދޭ ސްކޮލަޝިޕްގެ މަގުސަދު ހާސިލް ވާނީ ރައީސް ވިދާޅުވި ގޮތުގައި، ދަރިވަރުންނަކީ ގައުމު އާރާސްތު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެންނެވެ. މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ކުރިން ނުލިބޭ ފުރުސަތުތައް މިހާރުގެ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެއް ކަމަކީ ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީ ހާސިލް ކުރެވޭނެ ގޮތް ހަމަޖެހުން. އަނެއް ކަމަކީ ސްޓޫޑެންޓް ލޯނުގެ އިންޓަރެސްޓް ތިނެެއް އިންސައްތަ އަށް ކުޑަކޮށް، ލޯނު ދައްކަން ޖެހޭ މުއްދަތު ފަންސަވީސް އިންސައްތަ އަށް އިތުރު ކުރުން،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ؛ އިބްރާހީމް ހަސަން ވިދާޅުވީ، ސަރުކާރުގެ އުއްމީދަކީ ދަރިވަރުން ކިޔަވަންދާ ކޮންމެ ގައުމަކުން ވެސް އެންމެ މަތީ ފާސް ހޯދުން ކަމަށެވެ. އަދި ރާއްްޖެ ލަދު ގަންނަ ފަދަ ކަމެއް އެއްވެސް ދަރިވަރެއްގެ ފަރާތުން ނުފެންނާނެކަން ޔަގީން ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ކޮންމެ ދަރިވަރަކީ ވެސް އެ ދަރިވަރެއްގެ ގައުމާއި ދީން ތަމްސީލުކުރާ ދަރިވަރެއްކަން ހަނދާނުގައި ބަހައްޓަން އޭނާ އިލްތިމާސް ކުރެއްވި އެވެ.