އޮފީސްތަކުގެ ޑްރާމާ މުބާރާތް އެމްއޭސީއެލް ކާމިޔާބުކޮށްފި

މިދިޔަ ރޯދަމަހު ޕީއެސްއެމުން ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑްރާމާ "ނަކަލު" ހޮވައިފި އެވެ.


ޕީއެސްއެމްގައި މިރޭ ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ "ނަކަލު" އަށް ޖުމްލަ 10 އެވޯޑެއް ލިބުނެވެ. އެ ކުންފުންޏަށް ނުލިބެނީ އެންމެ ހަތަރު އެވޯޑެކެވެ. އެއީ ބެލުންތެރިންނަށް އެންމެ ކަމުދިޔަ އަންހެން އެކްޓަރުގެ ކެޓަގަރީ އާއި ފިރިހެން އެކްޓަރު ކެޓަގަރީ އާއި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ޑްރާމާގެ މަގާމުގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އަންހެން އެކްޓަރުގެ މަގާމެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެވޯޑް ރަސްމިއްޔާތުގައި ބައިވެރިވެރިއެއް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި އަހަރުގެ މުބާރާތުގައި ބައިވެރިވީ ތިން ކުންފުންޏަކުންނެވެ. އެއީ އެމްއޭސީއެލްގެ އިތުރުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އެވެ.

އެވޯޑު ލިބުނު ފަރާތްތައް

- އެންމެ މޮޅު ޑްރާމާ: ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު ޑައިރެކްޓަރު: އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު ފިރިހެން އެކްޓަރު: އަހުމަދު ޝަމްއާން ނަޒީހު، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު އަންހެން އެކްޓަރު: އާއިޝަތު ކައުސަރު ރަޝީދު، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރު: އަބްދުﷲ މާހިރު، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރު: ފާތިމަތު މީނާޒު، މަރު، ކަސްޓަމްސް

- ބެލުންތެރިންނަށް އެންމެ ކަމުދިޔަ ޑްރާމާ: ނަމަ، ވެމްކޯ

- ބެލުންތެރިންނަށް އެންމެ ކަމުދިޔަ އަންހެން އެކްޓަރު: އައިމިނަތު ޝިއުނާ، ނަމަ، ވެމްކޯ

- ބެލުންތެރިންނަށް އެންމެ ކަމުދިޔަ ފިރިހެން އެކްޓަރު: ނަސްރުﷲ އަހުމަދު، ނަމަ، ވެމްކޯ

- އެންމެ މޮޅު ފިރިހެން ނިއުކަމާ: އަހުމަދު ޝަމްއާން ނަޒީހު، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު އަންހެން ނިއުކަމާ: ފާތިމަތު ހަނީފާ، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު ސްރީންޕްލޭ: މުއުމިން ފުއާދު، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު ސިނަމެޓޮގްރަފީ: ވިޝާލް އާމިރު އަހުމަދު، ނަކަލު، އެމްއޭސީއެލް

- އެންމެ މޮޅު އެޑިޓަރު: ވޭރިއަސް އާޓްސް، ނަކަލު، އެމްއޭސީއެލް

މި މުބާރާތުން އެންމެ ގިނަ އެވޯޑު ކާމިޔާބު ކުރި ނަކަލުގެ ޑައިރެކްޓަރު އަދި ފިލްމީ ތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) "މިހާރު" އަށް ބުނީ މި ޑްރާމާ ހަދަން ވަރަށް ބުރެ މަސައްކަތް ކުރި ކަމަށެވެ. އަދި ފިލްމެއް ހަދަން މަސައްކަތްކުރާ ވަރަށް މި ޑްރާމާ ހަދަން މަސައްކަތް ކުރި ކަމަށް ވެސް ބުންޏެވެ. އަދި އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެ ޓީމަށް އޭނާ ޝުކުރު އަދާކުރި އެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެވޯޑް ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިޔާނާތާއި މަކަރު ހެދުމުން ލިބިދާނެ ހިތި ނަތީޖާގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ޑްރާމާގެ އަންކަޓް ވާޝަނެއް ހަދައި، އޭގައި އިނގިރޭސި ސަބްޓައިޓަލް ލުމަށް ފަހު ބޭރު ފިލްމު ފެެސްޓިވަލްތަކަށް ފޮނުވަން ވިސްނަވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިއަންނަ އަހަރުގެ މުބާރާތް ބޭއްވުމުގެ ކުރިން ޑައިރެކްޓަރުންނާއި އެކްޓަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ އެވެ. އަދި ޑްރާމާ ތައްޔާރުކުރަން ދޭ މުއްދަތު ވެސް އިތުރުކުރަން ވަނީ ނިންމާފަ އެވެ.