މާފުށީ ޖަލުގައި އަނެއްކާ ވެސް ހަމަނުޖެހުންތަކެއް، ފުލުހުންގެ ބެކަޕް ޓީމެއް ވެސް ތައްޔާރީ ހާލަތުގައި!

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި މިރޭ ހިންގާ ޚާއްސަ އޮޕަރޭޝަނަކާ ގުޅިގެން ފުލުހުންގެ ބެކަޕް ޓީމެއް ތައްޔާރީ ހާލަތުގައި ޖަލުގައި އެބަތިބި ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.


އެކަމަކު، ކުއްލި ގޮތަކަށް މިރޭ ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ކަރެކްޝަނަލް ސާވިސް އިން ފެށި ސަބަބެއް ރަސްމީކޮށް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި، ޖަލުގެ ދެ ޔުނިޓެއްގައި މިރޭ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ އޮފިސަރުންތަކެއް ވަދެ ވަނީ ޕެޕާސްޕްރޭ ޖަހައިފަ އެވެ. ޝީލްޑާ އެކު ގޮޅިތަކަށް ވަން ބައެއް އޮފިސަރުން ބައެއް ގައިދީންގެ ގައިގައި ތެޅި ކަމުގެ ތުހުމަތު ވެސް އެކި ފަރާތްތަކުން ކުރެ އެވެ. އަދި ޖަލު އޮފިސަރުން ތަޅައިގަތުމުން ބައެއް ގައިދީންގެ ހަށިގަނޑު ނޫފައިންފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާ ގައި ދަނީ ދައުރު ކުރަމުންނެވެ.

ނަމަވެސް އެ ކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. މިރޭ މި ހަމަނުޖެހުން ފެށުނު ސަބަބެއް ވެސް އެނގޭ ގޮތެއް އަދިއެއް ނުވެ އެވެ.

ފުލުހުން، މީޑިއާ އަށް ފޮނުވި އެސްއެމްއެސްއެއްގައި ވަނީ ޖަލުގައި އޮޕަރޭޝަނެއް ހިންގަނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ މައުލޫމާތު ކުށްވެރިން ބަލަހައްޓާ އިދާރާ އިން ހޯދުމަށް ފުލުހުން އެދެ އެވެ. ނަމަވެސް އެ އިދާރާގެ މީޑިއާ އޮފިޝަލް ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ. ހޯމް މިނިސްޓްރީގެ މީޑިއާ އިން ވެސް ޖަވާބެއް ނުދެ އެވެ.

"ފުލުހުން ތިބީ ސްޓޭންޑްބައި ގައި ކަމަށް،" ފުލުހުންގެ މެސެޖުގައި ވެ އެވެ.

މާފުށީ ޖަލުގެ ހާލަތު މިދިޔަ ހަފުތާ އިން ފެށިގެން ވަނީ ގޯސްވެފަ އެވެ. އެއީ، ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ގައިދީ އަކު ހަމަލާ ދިން ހިސާބުންނެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރީ އެވެ. ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ. އެ މައްސަލައާ ގުޅިގެން، އީއެސްޖީގެ ކޮމާންޑަރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެކަމަކު، ޖަލު އޮފިސަރުންގެ މައިގަނޑު ޝަކުވާ އަކީ އެ މީހުންނަށް ލިބޭ އަނިޔާ އާއި ނުރައްކަލަށް ވުރެ ބޮޑަށް ގައިދީންގެ ހައްގުތަކާއި ހިމާޔަތަށް ސަރުކާރުން މާ ބޮޑަށް މަސައްކަތް ކުރުމެވެ. އޭގެ ނަތީޖާ އަކީ، ޖަލު ބަލަހައްޓާ މީހުންނަށް ވުރެ ގައިދީންގެ ބާރު ގަދަވުން ކަމަށް ބައެއް އޮފިސަރުން ބުނެ އެވެ.

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ، އެ ތަން ފާސްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ވެސް ހިންގައިފަ އެވެ.

މި ފާސްކުރުންތަކަށް ފަހު، ޕްރިޒްންސް ކޮމިޝަނަރު އަބްދުﷲ މުނާޒް ވިދާޅުވެފައި ވަނީ، ޖަލުން ފެނުނީ ގޮޅިއަކުން ނައްޓާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑެއް ބޭނުންކޮށްގެން ހަދައި އެއްކޮޅު ތޫނު ކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި އަށް މޮބައިލް ފޯނު ފެނުނު ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.