ޔާމީންގެ ސަރުކާރު ދިފާއުކުރި ޔޫކޭ އެމްޕީގެ ޗުއްޓީއަށް ހަރަދުކުރީ ޝައިނީ: ބީބީސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ފާޑުކިއުން އަމާޒުވެ، އިނގިރޭސި ވިލާތުގެ ޕާލަމެންޓްގައި ވެސް ފާޑުކިއަން ފެށި ދުވަސްވަރު ސަރުކާރުގެ ދިފާއުގައި ވާހަަކަ ދެއްކެވި މެމްބަރަކަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޗުއްޓީ ދަތުރެއް ދެއްވިކަން ފަޅާއަރައިފި އެވެ.


އިނގިރޭސި ވިލާތުގެ ކުޑަ ޕާޓީއެއް ކަމަށް ވާ ދަ ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީއަށް ނިސްބަތްވާ އިއާން ޕެއިސްލީ އާއި އޭނާގެ އާއިލާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން ޝައިނީ ހަރަދުކުރެއްވި ކަމަށް ހަބަރު ފެތުރީ ބީބީސީންނެވެ.

އެކަމަކު ބީބީސީގެ ވާހަކަތައް ޝައިނީ ވަނީ ދޮގުކުރައްވައިފަ އެވެ.

ޕެއިސްލީ އާއިލާއާ އެކު ކޮކޯޕާމް ދުނިކޮޅުގައި ޗުއްޓީ ހޭދަކުރެއްވުމަށް އެ ރިސޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކެވީ ޑރ. ޝައިނީކަން ކަށަވަރު ކޮށްދިނީ، ބީބީސީން ބުނި ގޮތުގައި، ކޮކޯޕާމް ދުނިކޮޅު ހިންގާ ސަންލޭންޑް ހޮޓެލްސްގެ ޑައިރެކްޓަރު ހުސައިން ހިލްމީ އެވެ.

ބީބީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޕައިސްލީގެ ޗުއްޓީ ދަތުރަށް ޑރ. ޝައިނީ ބުކިން ހެއްދެވީ 2016 ވަނަ އަހަރު އެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ

ރާއްޖެއަށް 2016 ގައި ޕެއިސްލީ ކުރެއްވި ޗުއްޓީ ދަތުރުގެ މައުލޫމާތު އިނގިރޭސި ޕާލަމެންޓަށް ހާމަކުރައްވާފައި ނުވާކަން ބީބީސީން މިދިޔަ އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ. އޭރު އޭނާ ވިދާޅުވީ ދަތުރުގެ ހަރަދުގެ އެއް ބައި ދެއްކެވީ އަމިއްލައަށް ކަމަށާއި އަނެއް ބައި ދެއްކީ މަސައްކަތާ ގުޅުމެއް ނެތް އެކުވެރިއެއް ކަމަށެވެ.

ކުރީ ސަރުކާރުގެ މޫނުމަތި ރީތިކުރަން "ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕް"ގެ ނަމުގައި އެހެން ތިން މެންބަރަކާ އެކު ޕެއިސްލީ 2016 ގައި ރާއްޖެއަށް ވަޑައިގެންނެވި އެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ފިޔަވަޅު އެޅުމާ ދެކޮޅަށް އޭރު އޭނާ ޔޫކޭ ޕާލަމެންޓާއި މީޑިއާގައި ވެސް ވާހަކަ ދެއްކެވި އެވެ. އޭރު އައި މެމްބަރުންގެ ވަފުދުން މާފުށީ ޖަަލަށް ޒިޔާރަތްކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި ގޮޅީގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކަ ވެސް ދެއްކެވި އެވެ.

ބީބީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޕެއިސްލީގެ އެ ދަތުރުގެ ކުރިން ވަނީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.