ޔާމީނަށް އިންސާފު ލިބި މިނިވަންވާ ތަން ދެކެން ބޭނުން: އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބި، މިނިވަންވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.


ޔާމީންގެ ސަރުކާރުގައި ބޮޑެތި ޖަރީމާތަކެއް ހިންގި ކަމަށް ބުނެ އެ މައްސަލަތަކުގެ ތަހުގީގުތައް އަވަސް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ އެކި މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ދިގު މުއްދަތަކަށް ކުރެއްވި ޔާމީނަށް ކުރާ ތުހުމަތުތައް އިންތިހާ އަށް ގިނަ ކަމަށެވެ. އެމަނިކުފާނާ ދެކޮޅަށް ތުހުމަތުކޮށް، ޝަރީއަތާއި ތަހުގީގު ކުރިއަށް ގެންދާ ނަމަ، ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަތައް އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދައުލަތުގެ މަތީ މަގާމެއް އަދާކުރައްވާފައި ހުންނެވި ބޭފުޅަކާ ދޭތެރޭ ކުރާ ތުހުމަތުތައް ނެތޭ ވަރަށް އިންސާފުވެރި ތަހުގީގަކާއި ޝަރީއަތެއް ހިންގުން މުހިންމެވެ. އަދި ޝަރީއަތުގައި އޮތް މައްސަލައެއް ނަމަ، އެ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެތޯ ބެލުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ފަނޑިޔާރު ބޭނުންފުޅު ނުވަނީތޯ، ނުވަތަ އެހެން މައްސަލަތަކެއް ހުރިތޯ ބެލުމުގެ ޖާގަ އޮންނާނެ. އެހެންވީމާ އެ މައްސަލައާ ގުޅޭ ގޮތުން ދަންނަވާލަން ބޭނުންވަނީ މިކަން ކުރިއަށް ނުދަނީ ކީއްވެކަން ޖޭއެސްސީން އަވަހަށް ބައްލަވައި ދެއްވުމަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޔާމީނާ ދެކޮޅަށް ނުކުރާ ތުހުމަތެއް ނެތް ކަމަށެވެ. އެގޮތުން ވައްކަމާއި ހިޔާނާތުން ފެށިގެން ހުރިހާ ތުހުމަތެއް އެމަނިކުފާނަށް އެކި ފަރާތްތަކުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަޖިލިހުގައި ހާމަކަން ބޮޑު ގޮތެއްގައި ނުދެއްކޭ ވަރަށް ތުހުމަތުތަކެއް އެބަ ކުރެވޭ. އެ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިކަން އެނގެން އެބަ ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ހައްޔަރުކޮށްފައި" ނުވަތަ ރާއްޖެ އިން ބޭރަށް ޔާމީނަށް ވަޑައިނުގެންނެވޭ ގޮތް ވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު އެދެނީ މި ތުހުމަތުތަކުން ބަރީއަވެވޭ މިންވަރަށް ޝަރީއަތްތަކާއި ތަހުގީގުތައް ހިންގައި އެމަނިކުފާނު [ޔާމީން] މިނިވަން ވެގެންދާ ތަން ފެނުން،" އަސްލަމް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. އެކަމަކު އެ ކޯޓުގެ އެ އަމުރު ހައި ކޯޓުން ބާތިލް ކުރުމާ ގުޅިގެން އެމަނިކުފާނު ހުންނެވީ މިނިވަންވެފަ އެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.