ވެލިބަރުކުރި ސީސީސީސީގެ ބޯޓު އެހެން ބަޔަކަށް ވިއްކާލައިފި

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ސީސީސީސީގެ ބޯޓު އެހެން ބަޔަކަށް ވިއްކާލައިފި އެވެ.


ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ވެލިބަރުކޮށްފައި އޮއްވައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ފެނުނު ބޯޓު އެ އިދާރާގެ ހުއްދަނެތި އެހެން ސަހަރައްދުތަކަށް ދަތުރުކުރާތީ ކަސްޓަމްސްގެ ދަށަށް ބޯޓު ގެންގޮސްފައިވާ ކަމަށެވެ. އެއަށްފަހު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުންޏެވެ.

އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، ސިނަމާލެ ބްރިޖް ހެދި ސީސީސީސީ އިން އެ ބޯޓު އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ބުންޏެވެ. އަދި އުޅަނދުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދައްކާ ހަލާސްކޮށްފައިވާކަން ފާހަގަކުރި އެވެ.

އެ ބަޔާނުގައި ބުނީ އެކިއެކި ޕްރޮޖެކްޓުތަކުގައި ބޭނުންކުރަން ވަގުތީގޮތުން އިމްޕޯޓްކުރެވޭ އުޅަނދުފަހަރަކީ އެތަކެތި އެތެރެކުރެވޭ ޕްރޮޖެކްޓެއްގައި އެކަނި ބޭނުންކުރުމަށް ނުވަތަ މުއްދަތު ހަމަވުމުން ޑިއުޓީފްރީ އެހެން ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް ޝަރުތުކޮށް ވަކި މުއްދަތަކަށް ގެނެވޭ އެއްޗެއް ކަމަށެވެ.

އެ ހުއްދަ ދޭ މުއްދަތު ހަމަވުމުގެ ކުރިން އުޅަނދު އަނބުރާ ފޮނުވާލަން ޖެހެ އެވެ. އެ މުއްދަތުގެ ތެރޭގައި އުޅަނދު ފޮނުވާނުލެވޭ ނަމަ އެ އުޅަނދުގެ އަގުން ދައުލަތަށް ޑިއުޓީ ދައްކަންޖެހެ އެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި ޕްރޮޖެކްޓުތަކުގެ ބޭނުމަށް 51 އުޅަނދެއް ރާއްޖެ އެތެރެކޮށްފައި ވެ އެވެ. މީގެ ތެރެއިން ހުއްދަދީފައިވާ މުއްދަތު ހަމަނުވާތީ 37 އުޅަނދެއް، އެ އުޅަނދެއް ގެނެވުނު ޕްރޮޖެކްޓުގައި ބޭނުންކުރަމުން އަންނައިރު މުއްދަތު ހަމަވެގެން 12 އުޅަނދަކަށް ރާއްޖެއިން އަނބުރާ ފޮނުވާލަން ނުވަތަ ޑިއުޓީ އަށްވާ ފައިސާ ދައްކަން އަންގާފައިވާ ކަމަށް ވެސް ބުންޏެވެ. އޭގެ ތެރެއިން ދެ އުޅަނދެއް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

"މިހާރު އަނބުރާ ފޮނުވާނުލެވި ރާއްޖޭގައި އޮތް 10 އުޅަނދަކަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ޖެހޭ 39.7 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް އެ ފަރާތްތަކަށް ވަނީ އެންގިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

މިދިޔަ އަހަރު އުޅަނދުތަކުގެ ޑިއުޓީގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެ އަދަދު 2016 ވަނަ އަހަރު 22.6 މިލިއަނުގައި ހުރިއިރު 2017 ވަނަ އަހަރު އެ އަދަދު ހުރީ 10 މިލިއަން ރުފިޔާގަ އެވެ.

ހިތަދޫ ކައިރިން ބޯޓު ފެނިގެން ފުލުހުންނާއި ސިފައިން އެކީގައި އެ ބޯޓަށް އަރައި ބެލި އިރު، އެ ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރެއް އަދި ދިދައެއް ނެތެވެ.