ގައުމުތަކާ ގުޅުން ބަދަހި ކުރާނީ މިނިވަން ކަމަށް ހުރަސް ނޭޅޭ ގޮތަށް: ރައީސް

އެހެން ގައުމުތަކާ ގުޅުން ބަދަހި ކުރަން ކުރާ މަސައްކަތުގައި ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ ގޮތުން އެކަހެރިވެފައި ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތްގޮތުން އަވަށްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް އޮތީ ގޯސްވެފައި ކަމަށާއި އެކަންކަން ރަނގަޅުކޮށް، ގައުމުތަކާ ގުޅުން ބަދަހިކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެކަމަކު ގުޅުން ބަދަހި ކުރުމުގެ ތެރޭގައި ވެސް، ރާއްޖޭގެ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ކަމަކަށް ފުރުސަތެއް ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަވަށްޓެރިންނާއި ރާއްޖެ އަށް ހެޔޮ އެދޭ ގަައުމުތަކާ އެކު ގުޅުންތައް އުފައްދާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް. އަދި ރާއްޖޭގެ އިގްތިސާދީ ތަރައްގީ އަށް ފައިދާ ލިބޭ ގޮތްތަކަށް ވަރަށް ބޮޑަށް އިސްކަން ދީގެން،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކޮމަންވެލްތުގެ މެމްބަރުކަން އަލުން ރާއްޖެ އަށް ލިބޭނެ އެވެ. އޭރުން ގިނަ އެހީތަކާއި ކުރިއެރުންތަކެއް ރާއްޖެ އަށް ލިބެން ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި ސިންގަޕޫރަކީ ވެސް ވަރަށް ގިނަ އެހީތަކެއް ރާއްޖެ އަށް ދެމުންދާ ގައުމެއް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ، ދަތުރުފުޅުގައި ދެ އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުގައި އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން މިހާރު ވެސް އުޅެމުންދާ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ދިވެހިންނާ އެކު ގާތް ގުޅުމެއް އުފައްދަން ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކޮންމެހެން އެމްބަސީ އަށް ހާޒިރުވާން ޖެހޭ ކަންކަން ފިޔަވައި އެހެން ކަންކަން އޮންލައިންކޮށް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.