ލުތުފީގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ވިދާޅުވެެ އޭނާ އަށް މާފުދޭން ގޮވާލައިފި

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ލިބުނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އޭނާ އަށް މާފު ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.


ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާން ދިނުމުން އޭނާ އަށް ހިމާޔަތް ދީ ގެންގުޅޭތާ ދެ މަސް ވީ އިރު، ވެސް ރާއްޖެ ނުގެންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި ޝަރީފް ވަނީ ލުތުފީގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައިފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ސުވާލުކުރަން ހާޒިރު ކުރި މީހެކެވެ. އެތަނުގައި ހިނގި ހާދިސާ "ލޮލުން ދެކި އަތުން ހިފި" ކަމަށް އޭނާ ވިދާޅުވި އެވެ.

"ލުތުފީމެން ތަހަންމަލު ކުރި އަނިޔާގެ ދެއްކުމެއް ނެތް. އިންސާނިއްޔަތު ކަމެއް ނެތް. ލުތުފީއާ ދޭތެރޭގައި ހިންގި ޝަރީއަތަކީ އަޅުގަނޑަށް ކަނޑައެޅިގެން ދަންނަވަން ކެރޭ އިންސާފުވެރި ޝަރީއަތެއް ނޫންކަން. އޭނާގެ އަނގަޔަށް ބޫޓު ވައްދާ ތަން އަޅުގަނޑު ލޮލުން ދުށިން. އޭނާގެ ލޮލަށް އިނގިލި ހަރާ ތަން އަޅުގަނޑުގެ ލޮލުން ދުށިން، ދެން ތިބި މީހުންނަށް ހެދި ގޮތާއި އިދިފުށަށް ބިޑި އަޅުވާފައި ތަޅަމުން ތަޅަމުން ގެންދިޔަ މަންޒަރު އަޅުގަނޑުގެ ލޮލުން ދުށިން،" ޝަރީފް ވިދާޅުވި އެވެ.

އަބްދުﷲ ލުތުފީ ސިފައިންގެ ބެލުމުގެ ދަށުން މާލެ ގެންނަނީ.

ޝަރީފް ވިދާޅުވި ގޮތުގައި ލުތުފީއަކީ 70 އަހަރު ވާން ކައިރިވެފައި ހުރި ބަލި މީހެކެވެ. އަދި ލުތުފީ ވަނީ ޖަލުގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުން ބޮޑު ހަރަދުކޮށްގެން "ކަންތައްތަކެއް ކުރަން" ނުފެންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލި އިރު، ލުތުފީ އެމީހުންގެ ގަޔަށް ބަޑި ޖެހި ތަން ފެންނަން ނެތް ކަމަށެވެ. އަދި ލުތުފީ ބަޑި ހިފައިގެން އުޅުނު ކަން ވެސް އެނގެން ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ބަޑި ހިފައިގެން އުޅުނު ކަމަށް ލުތުފީ ޝަރީއަތުގައި އެއްބަސްވެފައިވެ އެވެ.

ޝަރީފް ވިދާޅުވީ ޕްލޯޓް ޖަމާއަތުގެ މީހުންނާ އެކީ ބަޣާވާތްކުރަން ލުތުފީ މާލެ އައި ކަމީ ހަގީގަތެއް ކަމަށާއި އެ ހަރަކާތަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އިންސާނިއްޔަތަށްޓަކައި، އުމުރުން 70 އަހަރުވެފައި ހުރި މީހަކު، ބަލި މީހަކު، ކެންސަރު ހުރި މީހަކު ކައިރިން ނުނެއްޓިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދޭ،" ޝަރީފް ވިދާޅުވި އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގައި ބައިވެރިވި ލުތުފީ އެމްބަސީ އަށް ގޮސް ހަވާލުވީ ފުލުހުން ބުނާ ގޮތުން ނަމަ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އެއީ އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހެކެވެ.