މިދިޔަ މަހު 7000 މީހަކަށް ވައިރަލް ހުން ޖެހުނު

މިދިޔަ މަހު 7،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަލް ހުން ޖެހުނުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.


ގައިން ގަޔަށް އަރާ ބަލިތައް މިދިޔަ މަހު ޖެހުނު މީހުންގެ އަދަދުތައް އެޗްޕީއޭ އިން މިދިއަ އާދިއްތަދުވަހު އާންމުކުރި އިރު އެއިން އެނގޭ ގޮތުގައި މިދިޔަ މަހު ޖުމްލަ 7،129 މީހުންނަށް ވައިރަލް ހުން ޖެހުނެވެ. މިއީ މިދިއަ އަހަރުގެ ޖޫން މަހު ވައިރަލް ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދަށް ވުރެ ގިނަ މިންވަރެކެވެ.

އަރިދަފުސް ރޯގާ، ވައިރަލް ހުން، ޑެންގީ އަދި ބޭރަށް ހިންގުން މިދިޔަ މަހު އަތޮޅުތަކުން ފެނުނު މިންވަރު -- ފޮޓޯ: އެޗްޕީއޭ

އަތޮޅުތަކަށް ބަލާ އިރު ވައިރަލް ހުން އެންމެ ގިނައިން ޖެހުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ ވ، އދ، އަދި މ. އަތޮޅުންނެވެ. ކޮންމެ 10،000 މީހުންގެ ނިސްބަތަށް ބަލާ ނަމަ، ވ. އަތޮޅުން 1000 މީހުންނަށް ހުން ޖެހުނެވެ.

ވައިރަލް ހުމުގެ އިތުރުން ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ވެސް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ މިންވަރު އެޗްޕީއޭ އިން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރެއިން 1711 ކޭސްއާ އެކު މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކުރީ ބޭރަށް ހިންގުމެވެ. އަރިދަފުސް ރޯގާ ޖެހިިގެން 1،274 މީހަކު ރިޕޯޓުކުރި އެވެ.

އެޗްޕީއޭގެ ޓުވީޓު

މިދިޔަ މަހު 333 މީހަކަށް ޑެންގީ ހުން ޖެހުނެވެ. އެ ބަލި އެންމެ ބޮޑަށް ފެތުރުނީ ދ. އަތޮޅުގަ އެވެ. އެ އަތޮޅުން 60 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނެވެ.

ރޯގާ ޖެހިގެން ފަރުވާ ހޯދަން އައިޖީއެމްއެޗަށް މި ދުވަސްވަރު ދާ މީހުން ގިނަ ވުމުން، އެ ތަނުގައި ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ.