އެމެރިކާ އެ ބުނާ ކަހަލަ ނުރައްކާތެރި ބަޔަކަށް ވާވޭ ޓެކްނޮލޮޖީޒް ވިޔަސް ހެޔޮކަމަށް ބަލައި، އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް ގާއިމުކުރުމަށް، އޮޕަރޭޓަރުން މަސައްކަތް ފަށައިފި އެވެ. އިނގިރޭސިވިލާތުގައި ޚިދުމަތްތައް އެންމެ ފުޅާ ހަތަރު އޮޕަރޭޓަރުން ވަނީ ވާވޭއާ އެކު މަސައްކަތްތައް ފަށައިފަ އެވެ.

ޗައިނާގެ ވާވޭ ޓެކްނޮޖީޒް އަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް، އިނގިރޭސި ސަރުކާރުން އަދި ނުނިންމަ އެވެ. އެހެންކަމުން، އިނގިރޭސިވިލާތުގައި 5ޖީ ގާއިމުކުރުމަށް މިހާރު ކުރާ މަސައްކަތްތަކުގައި، ވާވޭގެ ޝާމިލުވުން ވަކި ހިސާބެއްގައި ހައްދުކުރެވޭނެ ކަމަށް ބެލެވެ އެވެ. މިސާލަކަށް، އިނގިރޭސިވިލާތުގެ ހުރިހާ ހިސާބެއްގައި އެންޓަނާ، މާސްޓްތައް ކޮޅަށްޖަހައި، ރޭޑިއޯ ސްޓޭޝަންތައް ގާއިމުކުރުން ހިމެނެ އެވެ.

އެމެރިކާ ސަރުކާރުން އިގުތިސާދީ ގޮތުން ޗައިނާ އަށް ދަތިކުރަން ކުރާ މަސައްކަތްތަކުގެ ޝިކާރައަކަށް ވާވޭ ޓެކްނޮލޮޖީޒް ވެފައި ވަނީ ކޮންމެހެން ނުރައްކާތެރި ކުންފުންޏަކަށް ވާތީއެއް ނޫނެވެ. ޖަޕާނުގައި އޮތް ޖީ20 ސަމިޓްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވެސް ވަނީ މިކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. އެހެންކަމުން، އެމެރިކާގެ ކުންފުނިތަކުން އުފައްދާ އާލާތްތައް ވާވޭ އަށް ވިއްކުން މަނާކޮށް، "އެންޓިޓީ ލިސްޓް"ގައި ހިމަނާފައި ވަނީ ހަސަދަ ފިލުވާލަން ކަމަށް ގަބޫލުކުރެވެ އެވެ.

ސްމާޓްފޯން މާކެޓްގައި، ދެވަނާގައި އޮތް އެޕަލް އަކީ އެމެރިކާ ކުންފުންޏަކަށް ވެފައި، ވާވޭއާ ހެދި އެޕަލް ތިން ވަނަ އަށް ވެއްޓުމަކީ ވެސް އެމެރިކާ ނުރުހޭ ކަމަކަށް ވެދާނެ އެވެ. އަދި ވާވޭ ބުނާ ގޮތުގައި، އެ މީހުންގެ އަމާޒަކީ، ސްމާޓްފޯން މާކެޓްގައި އެއްވަނާގައި އޮތް ސެމްސަންގް ވައްޓާލައި، އެއްވަނަ ދަރަޖަ ހޯދުމެވެ.

ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ވާވޭއާ ނުލައި 5ޖީ ނެޓްވޯކް ތައާރުފުކުރުމަކީ ބުރަ ބޮޑު މަސައްކަތަކަށް ވާނެ އެވެ. އަދި މަސައްކަތްތައް ފުރިހަމަކުރަން ނަގާ މުއްދަތު ދިގުދެމިގެން ވެސް ދާނެ އެވެ.