އެސްއޯއެފަށް ފައިސާ ޖަމާވި މައްސަލާގައި ވަކިކަމެއް ކުރަން ބޭންކަށް ލަފައެއް ނުދެން: ނީޒާ

އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވި މައްސަލައިގައި ވަކިކަމެއް ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލަފާދީފައި ނުވާނެ ކަމަށް ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު މިރޭ ވިދާޅުވެއްޖެ އެވެ.


ފަޅުތަކާއި ރަށްތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެ އެވެ. އެކަމާ ގުޅިގެން ސުވާލުކުރަން ބީއެމްއެލްގެ އިސްވެރިންތަކެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބޭންކުން އަމަލުކޮށްފައިވާނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ޝައްކުކުރެވޭ މުއާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ހުށަހެޅިކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެފްއައިޔޫ އަށް މައްސަލަ ހުށަހެޅުމުގެ އިތުރުން އެސްއޯއެފްގެ އެކައުންޓްތަކެއް ވެސް ހިފެހެއްޓި ކަމަށެވެ. އެކައުންޓްތައް ދޫކޮށްލީ އެފްއައިޔޫގެ އިސްވެރިޔަކަށް އޭރުު ހުންނެވި އާތިފް ޝަކޫރާއި ނީޒާގެ އިރުޝާދަށް ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާރު ހުންނެވި ނީޒާ ވިދާޅުވީ އެމްއެމްޕީއާރުސީ އަދި އެސްއޯއެފާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދިޔަ ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ދިނުމަށް މިހާރު ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާތަކެއް އެސްއޯއެފަށް ޖަމާވަމުންދިޔައިރު އެ މުއާމަލާތްތައް ނުހިފެއްޓީ އަޅުގަނޑުގެ ލަފާގެ މަތިންކަމަށް ބީއެމްއެލް އިން މާލިއްޔަތު ކޮމެޓީގައި ބުނެފައިވަނީ ހަގީގަތާ ހިލާފަށްކަމުގައި ދަންނަވަމެވެ،" ނީޒާގެ ބަޔާނުގައި ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ބޭންކުން ހުށަހެޅި މައްސަލަ އެފްއައިޔޫ އިން ބަލައި ޝައްކު އުފެދޭ މުއާމަލާތެއް ހިންގާފައި ނުވާ ކަން އެނގުނީ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރިޕޯޓް ނެރުމުންނެވެ.