ރާއްޖޭގައި ބިން ހިއްކާކަށް ނުޖެހޭ: މިނިސްޓަރު ހުސެއިން

ރާއްޖޭގައި ބިން ހިއްކަން ނުޖެހޭ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


ވިލާ ކޮލެޖުން ބާއްވާ ރިސާޗު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށެވެ. އެހެންކަމުން ތިމާވެށި ހިމާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހުރިހާ ދުވަހަކު ރާއްޖޭގެ ރަށްތައް ސަލާމަތްކޮށްދިނީ މުރަކަ ކަމަށެވެ. އެ އެއްޗެހިތައް މަރުވުމުން ޖަޒީރާ ރަށްތައް ސަލާމަތްކޮށްދޭނެ އިތުރު އެހެން އެއްވެސް އެއްޗެއް ނުހުންނާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަކަމަށާއި ގައުމެއްގެ ގޮތުގައި އެކަމާ ގުޅޭގޮތުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްތައް މިހާރު ހިމާޔަތްކުރަނީ ބޭރުން ހިލަ ފަދަ އެއްޗެހި ގެނެސްގެން ކަމަށާއި އެއަށްފަހު ރަށްރަށުގެ އެކި ހިސާބުތަކުގައި އެ އެއްޗެހިތައް ބަހައްޓަނީ ކަމަށެވެ. ނަމަވެސް ފާއިތުވި ދެ ދުވަހު ރަށްރަށަށް އުދަ އަރައި ގެއްލުންވި ކަމަށް ވިދާޅުވި އެވެ.

އުދަ އެރުން ފަދަ ކަންކަމުން ސަލާމަތްވާން 200 އަށް ވުރެ ގިނަ ރަށުގައި އެއްގަމު ތޮށި ލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ ވާނެކަމެއް ވެސް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރިސާޗު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ވިލާ ކޮލެޖު

"ދުނިޔެ ހޫނުވުމުގެ މައްސަލަ އަހަރެމެންނަށް ނުހުއްޓުވޭނެ...ދިވެއްސެއްގެ ހައިސިއްޔަތުން، އެހެން ގައުމެއްގެ ރެފިއުޖީ ހޯދުމަކީ ހައްލެއް ނޫން. ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ވަޒަން ދޫކޮށްފައި ދާކަށް ބޭނުމެއް ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓުތަކަށް ގޮސްފައި ވެސް ގިނަ މީހުން ތިބެނީ ވޯޓާ ވިލާގައި ކަމަށާއި އެހެންވެ ފެނުގެ މަތީގައި ދިރިނޫޅެންވީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ. އޭގެ ސަބަބުން ފަރުތަކަށް ގެއްލުމެއް ނުލިބޭނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޯރުތަކުގައި ވެސް މީހުން އުޅޭ ކަމަށާއި އެހެންކަމުން އެއީ ރާއްޖޭގައި ވެސް ވާނެ ކަމެއް ކަމަށެވެ.

"ރާއްޖޭގައި ހަގީގަތުގައި ބިން ހިއްކާކަށް ނުޖެހޭ. އާދެ، [ބިން ހިއްކާކަށް ނުޖެހޭ]. ފެނުގެ މަތީގައި ދިރިއުޅުމަށް ހޭނެން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފެނުގެ މަތީގައި ފުޓްބޯޅަ ކުޅެވޭނެ ގޮތާއި ސްކޫލާއި އޮފީސް އިމާރާތްތަކާއި މަގުތައް ތަރައްގީކޮށް އެއާޕޯޓުތައް ވެސް ހެދޭނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ފްލޯޓިން އެއާޕޯޓާއި ގެތައް ހަދާފައި ހުންނަކަން ފާހަގަކުރެއްވި އެވެ.

އެ ވާހަކަތަކަށްފަހު އާއްމުންނަށް ހުޅުވާލި ފުރުސަތުގައި، ކޮންފަރެންސްގައި ބައިވެރިވި މީހަކު ވަނީ މިނިސްޓަރު ދެއްކެވި ވާހަކަތައް، ސިޔާސަތު ކަނޑައަޅާ ބޭފުޅުންނަށް ހިއްސާކުރައްވާނެތޯ ސުވާލުކުރައްވައިފަ އެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ވާހަކަތައް ހިއްސާކުރައްވާނެ ކަމަށެވެ.