ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން ވަނީ ނިންމާފައި: މިނިސްޓަރު

ކުންޏާއި ނަޖިސް ބޭނުންކޮށްގެން ކަރަންޓް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ހުސެން ވިދާޅުވީ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ނަޖިހާއި ކުނިން ހަކަތަ އުފައްދައިގެން ކަރަންޓް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"ރަށްރަށުގައި އުފެދޭ ނަޖިހާއި ގޭބަދިގެއިން ނަގާ ކުނި އެއްކޮށްގެން އޭގެން ގޭސް އުފައްދަން. އެއީ އެނައެރޮބިކް ޑައިޖެޝަންގެ ތެރެއިން ގޭސް އުފައްދައިގެން އޭގެން އުފެދޭ ގޭހުން ކަރަންޓް އުފެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތަށް ހަކަތަ އުފެއްދުމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި އެވެ. ނަމަވެސް ނަޝީދުގެ ސަރުކާރު ވެއްޓުމާއެކު އެ މަޝްރޫ އޮތީ ހުއްޓިފަ އެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީގެ މެމްބަރުން އެންވަޔަރްމެންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަރުދަމާގެ ނިޒާމު ބޭނުންކޮށްގެން މިހާރު މޫދަށް ނަޖިސް ބޭރުކުރާ އިރު އެކަމުގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ކުންޏާއި ނަޖިހުން ކަރަންޓު އުފައްދަން މިސަރުކާރުން ރާވާފައިވަނީ ރަށްރަށުގައި އުފެދޭ ކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަކަށް ގެންގޮސް އެއިން ގަސްކާނާ ހެދުމެވެ. އަދި އަންދައިގެން ނައްތާނުލެވޭ ކުނި، ކުދިކޮށްގެން ވޭސްޓްމެނޭޖްމަންޓް ސެންޓަރުތަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ރަށްރަށުގައި ކުނި ނައްތާލުމުގެ ޕްލޭންތަކެއް ހަދާފައި ނެތް ކަމަށެވެ. އެކަންކަން ނުކޮށް ހުރީ އެކަންކަމަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ލިބިފައި ނުވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ނައްތާނުލެވި 140،000 ޓަނުގެ ކުނި އެބަހުރި ކަމަށެވެ. އެ މިނިސްޓްރީއަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅަނީ ކުނީގެ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ހައްލު ކުރުމަށް ހޭދަވާނެ ހަރަދުގެ ތަފްސީލު ވެސް ހޯދައި ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްރަށަށް ޖަމާވެފައިހުރި ކުނި ނަގައިދިނުމަށް ވަރަށް ގިނަ ކައުންސިލްތަކުން އެދެމުން އެބަދޭ،" އަޖުވަދު ވިދާޅުވި އެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީގެ މެމްބަރުން އެންވަޔަރްމެންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ 51 ރަށެއްގައި ރަށު ފެންވަރުގެ ކުނި ކޮށި ވަނީ ގާއިމްކޮށްފަ އެވެ. އަދި އިތުރު 13 ރަށެއްގައި ކުނި ކޮށި ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް 15 ރަށެއްގައި އެކަށީގެންވާ ކުނި ކޮށި ނެތް ކަމަށް އަޖުވަދު ވިދާޅުވި އެވެ.

"ރަށު ފެންވަރުގެ ކުނިކޮށި އަޅާދިން ނަމަވެސް ރަށު ލެވަލްގައި މެނޭޖް ނުކުރެވޭ ކުނި އެބަހުރި. މިސާލަކަށް މެޓަލް، ޕްލާސްޓިކް، އެހެން ގޮސް އިލެކްޓްރޯނިކް ވޭސްޓް،" އަޖުވަދު ވިދާޅުވި އެވެ.

ސަރަހައްދީ ފެންވަރެއްގައި ކުނި ނައްތާލުމަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަޖުވަދު ވިދާޅުވި އެވެ. އެއީ ތިލަފުއްޓާއި އައްޑޫ އަތޮޅުގެ އިތުރުން ރ. ވަންދޫގައި ގާއިމު ކުރާ ސެންޓަރުތަކެވެ. އެތަންތަނުގައި ކުނި ރައްކާތެރިގޮތެއްގައި ނައްތާލެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.