މުޅި ރާއްޖެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު ފަށަނީ

މުޅި ރާއްޖެ ސާފުކުރުމަށް ހިންގާ ބޮޑު ޕްރޮގްރާމް، އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.


އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ "ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމް ފައްޓަވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

ޓާފު ދަނޑުގައި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފަށަން ހަމަޖައްސާފައިވަނީ ހެނދުނު 7:30 އިން 10:30 އަށެވެ. އެ ވަގުތު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ސާފުކުރުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފެށުމަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހުސެއިން ވިދާޅުވީ ކުންޏަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އެކަން ހައްލުކުރަން އެ މީހަކު އަޅާ ކުންޏަކަށް އެ މީހަކު ޒިންމާވާންޖެހޭ ކަމަށާއި އޭރުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ފަރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ރަށް ހިމާޔަތްކުރުމަށް ފަރުތައް ރަނގަޅު ސިއްހަތެއްގައި ހުންނަންޖެހޭ ކަމަށާއި އެކަން ކުރެވިގެންދާނީ ފަރުތަކަށް ކުނި އެޅުން ހުއްޓައިގެން ކަމަށް ވިދާޅުވި އެވެ.

"ރަށަކީ އޭގެ ޒާތުގައި ފަރުގެ އުފެއްދުމެއް. އެ ފަރުން އުފައްދާ ވެއްޔާއި ފަރުން ދޭ ހިމާޔަތުގެ ސަބަބުން އަސްލު ރަށް ދެމި އޮންނަނީ. އެހެންކަމުން ފަރު ހިމާޔަތްކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ފަރުގެ ވެއްޓަށް ކުނި އުކާލުން ހުއްޓާލަން. އަމިއްލައަށް އުފައްދާ ކުންޏާ މެދު މިހާރަށްވުރެ މާ ޒިންމާދާރުވާން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުންޏާ މެދު ޒިންމާދާރުވުމަކީ ދުރޫސުލް އަހުލާގުގެ ތެރޭގައި ހިމަނައި ކުދިންނަށް ވެސް އެކަން ދަސްކޮށްދޭން ޖެހޭ ކަމެއް ކަން ފާހަގަކުރެއްވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ އަކީ ރީތި ތަނަކަށް ހެދުމަށް މި ފަހަރު ލިބިފައިވަނީ ރަނުގެ ފުރުސަތެއް ލިބިފައިވާ ކަމަށެވެ. މިއީ ސްކޫލު ބަންދު ދުވަސް ވަރަށް ވެސް ވާތީ އެ ހަރަކާތުގައި ދަރިވަރުން ބައިވެރިކުރުވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ކުނި އެޅުމަކީ އެ މީހަކާ ދޭތެރޭ އެހެން މީހުން ދެގޭ ގޮތް ބަދަލުވާނެ ދަށް ފެންވަރުގެ ކަމެއް ކަމަށެވެ. އެހެންވެ ކުނި އުފައްދާ މިންވަރު ވީހާ ވެސް މަދުކޮށް މަގުތަކަށާއި އާއްމު ތަންތަނަށް ކުނި ނޭޅުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.