ބަނގުރާ ހިމެނޭ ދަޅުތަކުގެ މައްސަލަ ކަސްޓަމުން ބަލަނީ

ބަނގުރާ އެކުލެވޭ ބުއިމެއް މާލޭގައި ފިހާރަތަކުގައި ވިއްކަން ހުރި ކަމަށް ބުނާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ "ޖާސްޓެލް" ނަމަކަށް ކިޔާ ދަޅެއްގައި ބަނގުރާ ހުރި ކަމަށް ތުހުމަތު ކުރައްވައި އެކަން ސަމާލު ކަމަށް ގެންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނާ އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ބުއިން ރާއްޖޭގެ ގިނަ ފިހާރަތަކުގައި ވިއްކަން އެބަހުއްޓެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމަރު އެކަން ހާމަ ކުރެއްވުމުގެ މާ ކުރިން ކަސްޓަމްސްގެ ސަމާލު ކަމަށް އޭގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ ބަލަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި އެ ބުއިމަކީ ބަނގުރާ އެކުލެވިގެން ނުވާ ބުއިމެއްގެ ގޮތުގައި ޖަހާފައި އިން ނަމަވެސް، އޭގައި ބަނގު އާވި ހިމެނެ އެވެ. އަދި މި ދަޅުތައް ރާއްޖެ އެތެރެކޮށްފައި ވަނީ ފުލުހުންނާއި ހެލްތު މިނިސްޓްރީގައި ހުންނަ ލެބުން ހުއްދަ ނުހޯދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، މާލޭގެ ފިހާރަތަކުން އެ ދަޅުތައް ވީހާވެސް އަވަހަކަށް ނެގުމަށް އުމަރު ގޮވާލެއްވި އެވެ.

"މި ބާވަތުގެ އެއްޗެއް ވިއްކުމުގެ ކުރިން އާންމުކޮށް ހެލްތު މިނިސްޓްރީގެ ލެބާއި ޕޮލިހުންގެ ލެބަށް ފޮނުވާނެ. އެ ދެ ތަނުން ބަލާފައި މައްސަލައެއް ނެތިއްޔާ ހުއްދަ ދޭނީ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އެކަން ނުހިނގާ ދޫކޮށްލި ކަމަށް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ކަސްޓަމްސްގެ ވެރިއަކަށް ވެސް ހުންނެވި އުމަރު ވިދާޅުވި އެވެ.