4،200 އަށް ވުރެ ގިނަ ބަނގުރާ ފުޅި ކަސްޓަމްސް އިން ނައްތާލައިފި

އެކި މައްސަލަތަކުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަންގުރާ ފުޅިތަކެއް މިދިޔަ ބުރާސްފަތި ދުވަހު ނައްތާލައިފި އެވެ.


ކަސްޓަމްސް އިން މިއަދު ބުނީ، 4،242 ބަންގުރާ ފުޅި އާއި 7،700 އަށް ވުރެ ގިނަ ބަނގުރާ ޕެކެޓް އެ ދުވަހު ނައްތާލި ކަމަށެވެ. އަދި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ފަސް ކިލޯގެ ބަނގުރާ ކެގެއް ނައްތާލި ކަމަށް ވެސް އެތަނުން ބުންޏެވެ.

މިއީ ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސް ގައި ހުރި ބަނގުރާ ކަމަށް އެ އިދާރާ އިން ބުންޏެވެ. މި ތަކެތި ނައްތާލީ ކ. ތިލަފުށީގައި ހުންނަ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށާއި އެކަން ކުރީ ފުލުހުންނާއި މީޑިއާގެ ހާޒިރުގައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ފުލުހުން ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރާ މިދިޔަ ހޮނިހިރު ދުވަހު ނައްތާލާފަ އެވެ. އެ ފަހަރު ނައްތާލީ އެކި މައްސަލަތަކުގައި އެތަނުގެ ބެލުމުުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރަލެވެ. އެ ދުވަހު ފުލުހުން ވަނީ 500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފަ އެވެ.