މި މައްސަލާގައި އިތުރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފައި. އެއީ 52 އަހަރުގެ ދިވެހި ފިރިހެނެއް.
ދެ ކޮންޓެއިނާ ސިނގިރޭޓް ގެއްލުނު މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން. ފަސްވަނަ މީހާ ހައްޔަރުކުރީ ރޭގައި.
22 އޮކްޓޯބަރ 2025 - 08:05
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝާނެއް ހިންގައި، ވަގަށް ނަގާފައިވާ ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ބައިތައް ހޯދާފައިވާ ކަމަށެވެ.
އަދި އެ "ވައްކަމަށް" ފަންޑުކުރި ކަމަށް މިހާތަނަށް ތުހުމަތު ކުރެވޭ ހަަތަރު މީހުންގެ އިތުރުން އެހެން މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މެސެޖުގައި ވެ އެވެ.
އެކަމަކު، އެ މީހާ އާއި މި މައްސަލައާ އޮތް ގުޅުމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކޮށްފައި ރޭގައި ހައްޔަރުކުރި މީހާގެ އިތުރުން ހަތަރު މީހެކެވެ.
އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯންޑިންގްސްގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40 އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ، 48 އެވެ.
އެ އެންމެން ވެސް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަކަށް ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ އެ ކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.
އެމްޕީއެލް ހުޅުމާލޭ ޕޯޓުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނާ ބަހައްޓާފައި ހުރީ އެ ތަކެތި ރާއްޖެ އަށް ވަގަށް އެތެރެކުރި މައްސަލައިގެ ތަހުގީގު ނުނިމޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ. އެހެން ހުއްޓާ ސިނގިރޭޓްތައް ވަގަށް ނަގާފައިވާ ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
އޭގެ ފަހުން ފުލުހުން ބޮޑު ތަހުގީގެއް ފެށި އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލް ޖެހުމަށް ފަހުގަ އެވެ. އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ ބިންލާދިން ގުރޫޕުގެ ނަމުގައި ވަގަށް އެތެރެކުރި ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
23 October 2025
"އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ އެ އިދާރާ އިން ބުނި ގޮތުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ". ކުރިން ބުނަމުން އައީ މިހެން، ދެ ކޮންޓެނަރުގަ ހުރި ސިނގިރެޓު ނެތްކަން އެގުނު ވާހަކަ، އެއްވެސް ހާލެއްގައި ސިނގިރެޓު ހުރި ދެ ކޮންޓެއިނަރ ނެތް ވާހަކައެއް، ގެއްލުނު ވާހަކައެއް ނުބުނެ، އެކަމަކު މިއަދު މިއެނގުނީ ދެ ކޮންޓެއިނަރ ހުރި ގޮތަށް ވަގަށް ނެގީކަން.
ހާލަތުސާފު
23 October 2025
ނިކަމެތިމީހާ ޓީޝާޓުލައްވާފަ
ނާޑުވާ
22 October 2025
ނުނީ އެމްއެޗެ ފްލައިޓްގެ ބައިތަކެއް ކަމަށް ވަނީ
އަޖައިބު
22 October 2025
ޣެއްލިގެން އުޅުނީ ސިނގިރެޓް ތަކެއް. ފެނުނީ ކޮންޓޭނާރގެ ބައިތަކެއް. 40 ފޫޓުގެ ކޮންޓޭނަރ ގެ ބައިތަކެއް. ދަގަނޑުތޯ. ލަކުޑިތޯ. ދަގަނޑުނަމަ ތިޔައީވާ ވަރުހުރި އެންމެ މީހެއް ތިލަފުށީގައި ކުރިކަމެއްބާ؟
ކުމާރިކާ
22 October 2025
ކޮންޓެއިނަރު ޖަލައްލާ!
ހީވެސް ނުވޭ ؟؟؟
22 October 2025
ތި ޒިވާރު ނޫނަސް ކަސްޓަމް އަދި އެމްޕީއެލް ތެރެއިން ހާދަ ޖަރީމާއެއް ހިންގާ މީހުން އުޅޭނެއޭ ... ؟؟؟
ލަކީ
22 October 2025
ޙެހެ ކީކޭ ބުނާނީ މިހާރު އިތުރުމީހަކު ހައްޔަރު ކުރިވާހަކަ 52އަހަރުގެ މީނަގެ ނަމެއް އެޑްރެހެއް ނެއް ކޮބާ ދިގަލި އާ އާއްޓޭގެ ބަންދުގެ މުއްދަތު އަދި ހަމަނުވޭތަ ދެން ފެންނާނީ އެއްބަސްވުން ހަދާތަން މިހާރަކަށް އައިސް ބޮޑަތި މަސްތުވާތަކެތީގެ ބޮޑުންވެސް އެފެންނަނީ ކޯޓުން އެއްބަސް ވުން ހަދާފަ ދޫކޮށްލާ ތަން މިކަންވެސް ވާނީ ހަމަ އެގޮތަށް ލާހިކަ އެއްނޫން ދިގަލި ޢާ އާއްޓޭމެންނަށް ހުކުމެއް ކުޜާކަށް ވަރަށް ސާފުކޮއް މިބުނީ
ރާވެރިބެ
22 October 2025
ކީއްކުރަން ބަލަންވީ ކޮންޓެއިނަރުގެ ބައިތަށް ކޮބާތޯ؟ ކޮބައިތަ ސިގިރެޓްތަށް؟ އެހާ އަވަހަށް 13 މިލިއަން ސިގިރެޓް ބޯލީ؟ ނޫނޭވާ ހާދަ ވަރަކަށް ދުންބޮވައިގެންފަ ހުރީމައޭ އެހާ ބައިވަރު ސިގިރެޓް ބޮއި ހުސްކޮށްލާނީ!
ޑެމްހާ
22 October 2025
ރައީސް އަށް ކެމްޕޭން ކޮށްދިން މީހާ ތިކަމުން ސަލާމަތް ވާގޮތް އެންމެން ތިބޭ ބަލަން. އާއްޓޭ އަކީ ހުދު ފޮތިކޮޅަކަށްވެ، އެމްޕީއެލް މުވައްޒަފުންނަށް ފަހުވަގުތު ބޮނޑިދޭނެ
ހަސަންރަހާ
22 October 2025
ގެއްލޭ ކޮންޓޭނަރުގެ ބައިތައް ހޯދާ ވައްތަރު "އެޕެއް" ހެދުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެން. އަދި އެފަދަ އެޕް ތަކަށް ގާނޫނީ ބާރު ލިބިފައި އޮތުމަކީވެސް މުހިއްމު ކަމެއް! އަދި ސްމާޓް ފޯނު ގެންގުޅޭ ކޮންމެ ދިވެހި ރައްޔިތަކު 'ގެއްލޭ ކޮންޓޭނަރުގެ ބައިތައް ހޯދާ އެޕް" ފޯނަށް އަޅައިގެން އުޅުން ލާޒިމްކޮށް ގާނޫނު ހަދަން ޖެހޭ!!!