ސިނގިރޭޓް ދެ ކޮންޓެއިނަރުގެ ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ދިގަލި: އޭނާ އަށް ކުރަނީ ސިނގިރޭޓް ވަގަށް ގެންދަން ފަންޑުކުރި ކަމުގެ ތުހުމަތު.
10 ނޮވެމްބަރ 2025 - 10:01
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ފުލުހުން މިހާތަނަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ތަހުގީގަށް އެއްބާރުލުން ދީ، ވާހަކަ ނުދައްކަނީ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެކަނި ކަން އެނގިއްޖެ އެވެ.
އެ ތަހުގީގާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ދިގަލި އިހުތިޔާރު ކޮށްފައި ވަނީ "ހަނު ހުންނަން" ކަމަށެވެ. އެހެންވެ، ތަހުގީގަށް އޭނާގެ ފަރާތުން މިހާތަނަށް މައުލޫމެއް ނުލިބޭ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެކަމަކު، ދެން ހައްޔަރު ކޮށްފައި ތިބި މީހުން ތަހުގީގަށް އެއްބާރުލުން ދޭ. ވާހަކަ ވެސް ދައްކާ ކަމަށް އެނގިފައި ވަނީ،" އެ މީހާ ކިޔައިދިނެވެ.
އެމްޕީއެލް ހުޅުމާލޭގެ ޕޯޓުގައި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓްތައް އެ ދެ ކޮންޓެއިނަރާ އެކު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ދިގަލި ހިމެނެ އެވެ. އެ ރޭ ދެން ހައްޔަރުކުރީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އަދި ކަސްޓަމްސްގެ ފަރާތުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރި ޒިވާރު އިސްމާއިލް އެވެ.
އެ ހަތަރު މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ސާޅީސް ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ވަގަށް ގެންދިޔަ މައްސަލައިގެ ތުހުމަތަށް މިހާތަނަށް ހައްޔަރުކުރި ނުވަ މީހުން.
ދިގައްޔާއި އާއްޓޭ އާއި މުއާޒް އަދި ޒިވާރުގެ އިތުރުން ފަސް މީހަކު މިހާތަނަށް ވަނީ އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ ތިން މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ، ހުސައިން ސާމިހު، 35 އާއި ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމް، 42 އަދި ހ. ރުމޭނިއާ، އަހުމަދު ފިރުސާން، 35، އެވެ.
ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލެ ބަނދަރުން ވަގަށް ގެންދަން އެހީތެރިވި ކަމުގެ ތުހުމަތު ކުރެވޭ އެ ތިން މުވައްޒަފުންގެ ތެރެއިން ފިރުސާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ސާމިހް އާއި ޝަހީމްގެ ބަންދާ މެދު ގޮތެއް ނިންމަން މި މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތަށް 16 ދުވަސް ވަނީ ދީފަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން 19 މީހަކު ފުރުން މަނާކޮށް، ތަހުގީގަށް ފަސް އުޅަނދެއް ބަލައިފާސްކޮށްފައި ވެ އެވެ. އަދި މާލެ، ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ބުންޏެވެ.
ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ރިޕޯޓް ކުރަން ފުލުހުން ވަނީ އެދިފަ އެވެ.
އެނގިފައިވާ ވަގަށް ނެގި ދެ ކޮންޓެއިނަރުގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓެވެ. އެއީ ވަގަށް ރާއްޖޭގައި ވިއްކުމަށް ދިވެހިން އިންޒާރުގެ ލޭބަލް ޖަހައިގެން ބަންދުކޮށްފައޮވާ ސިނގިރޭޓް ތަކެކެވެ.
ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ގެންދިޔަ ކަން ކަސްޓަމްސް އަށް އެނގުނީ މިދިޔަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެ ދެ ކޮންޓެއިނަރު ވަގަށް ގެންދިޔައީ އޭގެ ދެ މަސް ކުރިންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާގެ ބިންލާންދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު އެމްޕީއެލް ހުޅުމާލެ ޕޯޓުން ވަގަށް ގެންދިޔައީ އެ ދެ ކޮންޓެއިނަރުގެ ނަކަލެއް ހެދުމަށް ފަހު އެވެ. އެ ނަކަލު ހެދީ ތިލަފުށީގަ އެވެ.
ފުލުހުން ބުނީ، ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލުކޮށް، އެ ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓަރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ވަނީ އެނގިފައި ކަމަށެވެ.
"މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާ ކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓާ ފުލުހުން ވަނީ ހޯދާފަ އެވެ،" ފުލުހުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިއުމާ މޯޑު
10 November 2025
އިހުސާސްވަނީ ފިނިކަން ، ހަނު ހުންނަންޖެހޭތީއޭ، ކުރިމަތީ އިން ނަމޫނާ، ތިހާ ވަރަށް މާތްކަލާކޯ
ދިގަލި
10 November 2025
ވާހަކަ ދައްކަންދެން ބަހައްޓާ. ތިކަހަލަ ކަންކަމަށް އޭނާ ވަރަށް ފަރިތަ ވާނެ. ކޯޓާހަމައިން ތީން ރެކެންވެސް މޮޅުވާނެ
ނާނާޕާޓޭކާރު
10 November 2025
ވަރުގަދަ ދިގު އައްޔެއްތާ!
ވާހަކަ ނުދެއްކުމަކީ ވެސް......
10 November 2025
ޒާތެއްގެ އެއްބަސްވުމެކެވެ.
ކައުންސެލަރު....
10 November 2025
މީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ބިލުގެ "މައްސަލަ". އާނ މައްސަލަ ހުންނާތީތާ އިސްލާހު ކުރަން ޖެހެނީ. ބައެއް މިކަހަލަ ގާނޫނު ފާސްކޮށްފައި މިހުންނަނީ ކުށްވެރިން ހިމާޔަތް ކުރަންހެންވެސް ހީވޭ. މީ އަހަރެން އެކަނި ދައްކާވާހަކައެއްނޫން. އަމިއްލަ ޕާޓީއާ ކުށްވެރިންގެ މަސްލަހަތު ދޫކޮށްފައި އަސްލު މައްސަލަ ހައްލުކުރަން ނޫޅޭހާ ހިނދަކު މިކަންކަމެއް ނުހުއްޓުވޭނެ!
އެޑްމުންޑޯ
10 November 2025
ސިގެރެޓް ފެނުނީމާ ވާހަކަ ދައްކަން ފަށާނީ
ބަކުރުބޭ
10 November 2025
ކީއްކުރަން ވާހަކަ ދައްކަނީ. ބޭކާރު ކަމެއް. ތަހުގީގު ކުރާ މީހުން ބޭނުންވާ ގޮތަކަށް މައްސަލަ ނިމެންޖެހެނީ. އެންމެ ފަހުން ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގަ ވެސް ކުށްވެރިވީ ކޮޅުވެއްޓި. އެވެސް އެ ގަޑީގަ މޫދުގަ އޮވެގެން. ސިނގިރޭޓްތައް ވިއްކާ ހުރިހާ ސެޓުލްމަންޓް އެއް ހަދާ ނިމުނީމަ ތި ތަނުން އެކަކުވެސް ހައްޔަރުކޮށްފައެއް ނުހުންނާނެ ކަންނޭނގެ.
އާސިރު
10 November 2025
ނަފްސާނީ ވެފަ ވެސް ހުރެދާނެ
އުދަލި
10 November 2025
"ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ"! އެހެންވީމަ އޭނައާއި ތަންކޮޅެއް ދުރުގަ ތިބޭތި އެންމެންވެސް!
ބިގަލި
10 November 2025
ދިގައްޔަށް މިސަރުކާރުގެ ކޮރަޕްޝަންގެ އިނގޭކަމެއް އޮތީވިއްޔާ ފަޅާލަބަލަ!