މި ނިމުނު މިނިވަން ދުވަހު، ދުވަހާ ގުޅޭ ވަރަށް ރީތި ފޮޓޯތައް ބަލައިލަން ލިބުނެވެ. މިފަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން ދިޔައިރު، މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ރާއްޖެއިން ވަނީ ފަހުރުވެރި ގިނަ ކަމިޔާބީތަކެއް ހޯދައިފަ އެވެ. އެ އިވެންޓުން ވެސް އަސަރުގަދަ މާނަ ފުން ފޮޓޯތަކެއް ބަލައިލަން ލިބުނެވެ.
"ދޯ" އިން ހޮވާ ކޮންމެ ހަފުތާއެއްގެ އެންމެ ރީތި ފޮޓޯތަކަށް މިހާރު ވާދަ ވެސް ކުރެވިދާނެ އެވެ. ހަފުތާ ތެރޭގައި ނަގާ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލާއިރު، ReethiDho# މި ހޭޝްޓެގު ބޭނުންކުރާށެވެ. މި ގެނެސްދެނީ މިދިޔަ ހަފުތާގައި އެންމެ ވައިރަލްވި އަދި އަހަރެމެންނަށް އެންމެ ރީތި ކަމަށް ފެނުނު ފޮޓޯތަކެވެ.
abo_mv@
ވިހުރޭ ދިދަ ރަމްޒު ދޭމީ ...
މިއީ ތިލަދުންމައްޗަށް ކުރި ދަތުރެއްގައި އަބްދުﷲ ޝަފީއު (އަބޯ) ނެގި ފޮޓޯތަކެއްގެ ތެރެއިން އަހަރެމެންގެ ހޮވުމެވެ. އަބޯ ވަނީ ތިލަދުންމަތީގެ އެކި ހިސާބުތަކުގައި، ދިވެހި ދިދަ ހިފައިގެން ޒުވާނަކު ހުންނަތަން ފެންނަ އެކި ފޮޓޯތައް ނަގައިފަ އެވެ. މިއީ އެ ފޮޓޯތަކުގެ ތަރެއިން އޭނާގެ ވެސް ފޭވަރިޓެވެ. އަބޯގެ އިންސްޓަގުރާމުން މީގެ އިތުރު ފޮޓޯތައް ބަލައިލެވޭނެ އެވެ.
_sujau_@
މި ފޮޓޯ ނެގި މަގުސަދަކީ ރަށްފުށުގެ ސާދާ ދިރިއުޅުން ދައްކައިލުމެވެ. ރާއްޖޭގެ ދެކުނުން އުތުރަށް ބޭއްވި ރާޅުގުޑި އިވެންޓުގައި އެކި ރަށްރަށަށް ކުރި ދަތުރުގައި، ސުޖާއު އަށް މި މަންޒަރު ރައްކާކޮށްލެވުނީ ހއ. މުރައިދޫންނެވެ.
"ފުރަތަމަ ބޭނުންވީ ފަހަތުގައި (ފަންގިވިންނަން) އިން އަންހެން މީހާގެ ފޮޓޯއެއް ނަގަން. އެކަމަކު ދެން ހިތަށް އެރީ މި ވިއު އިން މި ފޮޓޯ ނަގައިފިއްޔާ އަދި މާ ފުރިހަމަ ވާނޭ. އެއީ މި ކަހަލަ ޝޮޓްސްތައް އެހާ އާންމު ނުވެފައި ހިތްގައިމު ވާނެތީ،" މި މަންޒަރުން އިތުރު ދެ ފޮޓޯއެއް ވެސް އޭނާ ނަގައިފައިވެ އެވެ.
husen.w@
ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ފަޒްނާގެ މި ފޮޓޯ އަކީ "މިހާރު" ނޫހުގެ ފޮޓޯގުރާފަރު ހުސެން ވަހީދު ނެގި ފޮޓޯ އެކެވެ. މި ފޮޓޯ ނަގާފައި ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މިނިވަންކަމުގެ ސޮއި
ހަފުތާގައި އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު ފޮޓޯގަނޑަކަށް ވާނީ މިއެވެ. މި ފޮޓޯ އަކީ މީގެ 54 އަހަރު ކުރިން ޖުލައި 26، 1965 ގައި ރާއްޖެ އަށް މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރާ މަންޒަރު ތަމްސީލުކުރުމެކެވެ. ހަމައެކަނި ތަފާތަކީ ކުޑަކުދިންތަކެއް ތިބުމެވެ. ކުޑަކުދިން ބައިވެރިކޮށްގެން އަސްލާ އެއްގޮތަށް މި ފޮޓޯ ރީކްރިއޭޓްކުރީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުންނެވެ.
މި މަންޒަރު، ކުޑަކުދިން ބައިވެރިކޮށްގެން ރީކްރިއޭޓްކުރުމަކީ ބިލަބޮންގުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ހިޔާލެކެވެ.
"ތާރީޚީ ފޮޓޯގެ ކުޑަކުދިންގެ ވާޝަންއެއް އަޅުގަނޑުމެން ހެދީ. އެއީ ކުޑަކުދިންނަށް ވެސް އަސްލު ފެންނަން ޖެހޭ ފޮޓޯއެއް ކަަމަށް ދެކިގެން ވިސްނާފައި އެ ވަނީ ކުޑަކުދިންނާ ވީހާވެސް ގުޅޭނެ ކޮންސެޕްޓަކަށް،" އެ ސްކޫލް ހިންގާ، އައިލެންޑާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު "މިހާރު" އަށް ދިން އިންޓަވިއުއްގައި ވިދާޅުވެފައިވެ އެވެ.
issethori@
މިނިވަން ދުވަހު ލިބުނު އެންމެ އުފާވެރި ޚަބަރަކަށްވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އައިމިނަތު ނަބީހާ އަބްދުއްރައްޒާގު ރާއްޖެއަށް ބެޑްމިންޓަނުން ރަން މެޑަލްއެއް ހޯދައިދިނުމެވެ. ބެޑްމިންޓަނުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ވެސް ލިބުނީ އޭނާ އަށެވެ. އަހްމަދު ތޯރިންގެ މި ފޮޓޯއިން ތި ފެންނަނީ އެ ކާމިޔާބީ ލިބުނު ވަގުތުކޮޅު ނަބީހާގެ އިހްސާސްތައް ހުރި ގޮތެވެ.
"ބެޑްމިންޓަނުން ފުރަތަމަ ގޯލްޑް ހޯދި އެތުލީޓަށް ވުމުން ވަރަށް އުފާވޭ. މިއީ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހު އަޅުގަނޑު ދޭ ހަދިޔާއެއް،" ނަބީ ބުނެފައިވެ އެވެ.
zeke.freke@
އއ. ރަސްދޫ ކައިރީގައި އޮންނަ މަޑިވަރު ފިނޮޅުގައި ތުއްތު ކުއްޖަކު ދުވެފައި އަންނަ މި ފޮޓޯ އަކީ މުހައްމަދު ޒީކް ސަމީރްގެ ފޮޓޯއެކެވެ. ރަތް ކުލައިގެ ފޭތްޔެއްގައި ހުރި މި ތުއްތު ކުއްޖަކީ ޒީކްގެ ނެފިއުއެކެވެ. ލިބޭ ގިނަ ހުސް ވަގުތުތައް ނެފިއު ހޭދަކުރަނީ އޭނާގެ ބައްޕައާއެކު އަބަދު ވެސް މޫދު ކައިރި ހިސާބެއްގައި ކަމަށް ޒީކް ބުންޏެވެ.
"އަޅުގަނޑު ފޮޓޯ ނަގަނީ ކެމެރާއަކުން ނޫން، އައިފޯނުން. މޫދު އަޑީގެ ފޮޓޯތައް ނަގަނީ ގޯ ޕްރޯ ހީރޯ 7 އަކުން. އަޅުގަނޑުގެ އާންމު ކޮންސެޕްޓަކީ، ކެބިން ކުރޫއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ކޮންމެ ދުވަހަކު މި ފެންނަ ތަފާތު މަންޒަރުތަކާއި އަދި ވެކޭޝަންތަކަށް ގޮސް އުޅޭއިރު ފެންނަ ތަފާތު މަންޒަރުތައް ރައްކާކޮށްލުން،" މި ވެސް ވެކޭޝަނަކަށް ގޮސްފައި ނަގާފައިވާ ފޮޓޯއެކެވެ.
hifinuhunnaibbe@
ބޯ ވާރޭގެ ތެރެއިން މި ފެންނަނީ ރ. ވާދޫގެ މޫދުގައި އޮތް ކުޑަ ދޯންޏެކެވެ. މި ފޮޓޯ ނެގީ ހުކުރު ދުވަހުގެ ހެނދުނު އިބްރާހިމް ޝަހީމް މޫދަށް އެރެން ގޮސް އުޅެމުންނެވެ.
"އެ ދުވަހު ވިއްސާރަ ވެހެން ހެދީމަ ލައިގެން ހުރި އެއްޗެހި ހަމަ ވަގުތު ޗޭންޖުކޮށްލައިގެން މޫދަށް ގޮސްފައި ނެގީ،" ފޮޓޯ ނަގައިފައި ވަނީ ގޯޕްރޯ އަކުންނެވެ.
moseshalym@
ކެނަން ފައިވްޑީ މާކް ޓޫ ކެމެރާއެކުން މޫސާ ހަލީމް މި ފޮޓޯ ނެގީ އިރުއޮއްސެން ކައިރިވެފައި ހުއްޓަ އެވެ. މީރު އައިލެންޑް ރިސޯޓުގެ އަތިރިމަތީގައި ނަގާފައިވާ މި މަންޒަރުން ފެންނަނީ ދިވެހި ހެދުމުގައި ތިބި ދެ ޒުވާނުންނެވެ.
"ރިސޯޓުގައި އޮތް މިނިވަން ދުވަހުގެ އިވެންޓެއް ނިންމައިފައި ދިޔައީ އަތިރި މައްޗަށް ރީތި ފޮޓޯއެއް ނަގަންވެގެން. އުޑުމަތި ފުރަތަމަ ހުރީ ވެސް ވަރަށް ބަނަކޮށް. 20 ވަރަކަށް މިނެޓު މަޑުކޮށްގެން ބޭނުންވި ގޮތަށް ފޮޓޯ ނެގުނީ،" މޫސަ ކިޔައިދިނެވެ.
shampzz@
މިވެސް ރާޅުގުޑި އުތުރު ދެކުނަށް ބޭއްވި އިވެންޓު ކުރިއަށް ދިޔައިރު ނަގައިފައިވާ ފޮޓޯއެކެވެ. ރެޑްބުލް ފޮޓޯގުރާފީގައި 2014 ވަނަ އަހަރުން ފެށިގެން ފޮޓޯގުރާފާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު އަހުސަން މި ފޮޓޯ ނެގީ ބަންޔަން ޓްރީ ރިސޯޓުގަ އެވެ.
"ފޮޓޯ އިން ތި ފެންނަ ކައިޓްއަކީ ސްލިގުޝޮޓުން ހަދައިފައިވާ ކަސްޓަމް ކައިޓެއް. ހާއްސަކޮށް ރާއްޖޭގެ ގައުމީ ދިދަ ރަމްޒުކޮށްދިނުމަށް. އެހެންވީމަ މި ފޮޓޯ މިނިވަން ދުވަހު ޕޯސްޓުކުރަން ބޭންދީ،" އަހުސަން އާންމުކޮށް ނަގަނީ ކުޅިވަރާއި އެޑްވެންޗާ އަދި ލައިފްސްޓައިލާއި ގުޅޭ ފޮޓޯތަކެވެ.
sam_maldives@
ލާމުގެ ރީތިކަން ހަމައެކަނި މި މަންޒަރު ވެސް ސިފަވެ އެވެ. މިއީ ލާމު ގަމުގެ ލިންކު ރޯޑެވެ. މުހައްމަދު ސާމީ ފޮޓޯ ނަގައިފައި މި ވަނީ ލިންކު ރޯޑުގެ އެންމެ އުތުރުން ތުނޑި ސަރަހައްދުންނެވެ. ރީތި ރުއްތަކާއެކު މިއީ ވަރަށް ފެހިކޮށް އޮންނަ ސަރަހައްދެކެވެ.
މި މަގުގެ އެންމެ އުތުރުން ގަން ގުޅުވައިފައި އޮންނަނީ މަންދޫއާ އެވެ. ކޯޒްވޭއަކުން މަންދޫ ގުޅުވައިފައި އޮންނަނީ ޑޮމެސްޓިކް އެއާޕޯޓު އޮންނަ ކައްދޫއާ އެވެ. ކައްދޫގެ އުތުރުން ގުޅުވައިފައި އޮންނަނީ އަތޮޅު ވެރިކަން ކުރާ ފޮނަދޫއާ އެވެ. މިއީ ގާތްގަނޑަކަށް ކިލޯމީޓަރެއްގެ ދިގު ރާސްތާއެކެވެ. މި ހުރިހާ ރަށެއް އެކީގައި މި މަގުގެ ދިގުމިނުގައި 18 ކިލޯމީޓާރު ހުރެ އެވެ.
chasing.islands@
"ބޮޑުވަމުން އައިރުގައި ނުދެކެން ރިޔަލު ދޯންޏެއް. އިންޖީނުލީ ދޯނި މިހާރު މި ހުންނަނީ. އެކަމަކު އިންސްޓަގުރާމުން ދެކުނިން ނޫނު އަތޮޅުގައި މީހުން ރިޔަލު ދޯނި ބޭނުންކުރާތަން،" ފޮޓޯ ނަގައިފައި ވަނީ މި މަހު ކުރީ ކޮޅު ނ. އަތޮޅަށް ކުރި ދަތުރެއްގަ އެވެ.
"ނ. އަތޮޅުގައި ރިޔާ ދޯނި ބޭނުންކުރާ ބަޔަކު ހޯދުމަށް މީހުން ކައިރި އަހަމުން ދަނިކޮށް އެނގުނީ ނ. ޅޮހީ އާއި ނ. މަނަދޫގައިކަން ރިޔާ ދޯނި ގިނައިން ބޭނުންކުރަނީ. ރައްޓެއްސެއްގެ އެހީގައި ޑިންގީއެއްގައި މި ދޯނި ދުއްވާ ތަނަށް ދިޔައީ،" ފޮޓޯ ނެގި ހައްވަ ކިޔައިދިނެވެ.
އޭނާ ބުނީ އެންމެ ހިތްހަމަޖެހުނީ އެ ދޯނީގެ ކެޕްޓަން، އޭނާ އެކަނި ދޯނި ދުއްވާލަން ފުރުސަތު ދިނުމުން ކަމަށެވެ. މި ފޮޓޯ ނަގައިފައި ވަނީ އެ ވަގުތު ކޮޅުގަ އެވެ.