ވަކީލުންނާ ގުޅޭ ޝަކުވާ ހުށަހަޅަން ޖެހޭނީ ބާ ކައުންސިލަށް: ހިސާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ވަކީލާއާ ބެހޭ ޝަކުވާއެއް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު އަދި ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކީލުންނާ ގުޅޭ ޝަކުވާތައް މިހާރު ހުށަހަޅަން ޖެހެނީ ބާ ކައުންސިލަށް ކަމަށާއި އެކަން ޔާމީނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ސުލޫކީ މިންގަނޑުތަކާ ވަކީލުން ޚިލާފުވާ މައްސަލަ ބަލައި ފިޔަވަޅު އަޅާނީ ބާ ކައުންސިލުންނެވެ.

ހިސާންގެ ޓުވީޓް.

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދުއާ ގުޅޭ ޝަކުވާ އެކެވެ. އެ ޝަކުވާ ހުށަހެޅުއްވީ ޔާމީން ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެއްގައި ހަގީގަތާ ޚިލާފަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެވެ.

ހެކިވެރިންނަށް ޔާމީންގެ ފަރާތްޕުޅުން ނުފޫޒު ފޯރުވި ކަމަށް ވަކީލާ އައިޝަތު މުހައްމަދު ކޯޓުގައި ވިދާޅުވިޔަސް، އެފަދަ އަމަލެއް ޔާމީން ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައިވާކަން ސުޕްރީމް ކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ޝަކުވާގައިވެ އެވެ.

ވަކީލެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އިތުރުން ޕީޕީއެމުން ވަނީ އެއް ފަނޑިޔާރަކާ އެކީގައި ޝަރީއަތް ކުރިއަށް ގެންދާތީ ވެސް ކަންބޮޑުވުންފާޅުކޮށްފަ އެވެ. ޔާމީންގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީންގެ ޝަރީއަތް ބާއްވަން ޖެހޭނީ ފަނޑިޔާރުންގެ ބެންޗަކުން، ދެފުށްފެންނަ ގޮތަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ޝަރީއަތުގައި ހެކިން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ޔާމީނަށް ވަނީ ދީފަ އެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެސްއޯއެފަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ޖަމާވި ކުންފުންޏެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ.