ސުޕްރީމް ކޯޓާ ހިސާބުން މިނިވަންވީ "ފުރާޅުން ޓިނު ނުނެގުމުން" ކަމަށް މި ސަރުކާރުން ބުންޏަސް އެކަން ކުރަން ޖާގަ ލިބުނު ނަމަ އެމަނިކުފާނު މިނިވަންވިޔަ މި ސަރުކާރުން ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ފަސް އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންވީ ސުޕްރީމް ކޯޓާ ހަމައިންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް މަތީ މަރުހަލާ އިން މިނިވަންވުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމުގެ ހެއްކެއް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ޔާމީން މިނިވަންވުމަކީ ޖުޑިޝަރީ އިސްލާހުކުރަން ރައްޔިތުންނަށް ވި ވައުދު ފުދެމުން އަންނަ މަންޒަރު ފެންނަ ކަމެއް ކަމަށް މި ސަރުކާރުން ބުނާތީ ޔާމީން މިރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓަށް އަތްލާން ބޭނުން ނުވެގެން އެކަން ނުކުރީކީއެއް ނޫން. އެ މީހުންނެއް [ސަރުކާރު] ބޭނުމެއް ނުވާނެ އަޅުގަނޑު މިނިވަންވެފައި ހުންނާކަށް. -- ޔާމީން

ދެ އަހަރުގެ ޖަލު ބަންދުން މިނިވަންވެ ސަޕޯޓަރުންނާ އެކު އަލިމަސްކާނިވާ ފުރާލައި ބޭއްވި ޖަލްސާގައި ގަޑިއިރެއްހާ އިރު ދެއްކެވި ވާހަކައިގައި ޔާމީން ވިދާޅުވީ ސަރުކާރުން އޮތީ އަދުލު އިންސާފުގެ ދާއިރާއަށް އަތް ބާނާފައި ކަމަށެވެ.

".. ވެރިކަމަށް އައިސް ރައްޔިތުންގެ ހުރިހާ ބާރުތަކެއް އެއްކޮށްފައި އަދުލު އިންސާފުގެ ދާއިރާގައި އަތްފޯރާ ހިސާބަށް އަތް ފޯރާފައި، ނުފޯރާ ހިސާބަށް ދިޔައީމަ ތިމަންނަމެން ފުރާޅުން ޓިނެއް ނުނަގަމޭ ބުންޏަސް އަދި އެންމެންނަކަށް އެކަމެއް ނުވެސް އޮޅޭނެ،" ޔާމީން ވިދާޅުވި އެވެ.

"އެ ހިސާބަށް އެ މީހުން ނުގެންދެވުން އެއީ ﷲ އަޅުގަނޑަށް މެދުވެރިކުރެއްވި އެންމެ ބޮޑު ނިއުމަތް މި ހުކުމުން އަޅުގަނޑު ސަލާމަތްވާން. އެއީ އެއްގޮތަކަށް ވެސް ސުޕްރީމް ކޯޓަށް އަތްލާން ބޭނުން ނުވެގެން އެކަން ނުކުރީކީއެއް ނޫން. އެ މީހުންނެއް ބޭނުމެއް ނުވާނެ އަޅުގަނޑު މިނިވަންވެފައި ހުންނާކަށް."

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.

ޔާމީން މިރޭ ވަނީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް ވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ. އަދުލަށް ހުކުމް ކުރައްވަން އެ ބޭފުޅުން ދަސްކޮށްގެން ތިއްބެވީ މުޅިން އެހެން ގޮތަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖަލުގައި ބަންދުކުރުމުން، ދެ އަހަރު ސަރުކާރު ޖަވާބުދާރީ ނުކުރެވި ހުންނަވަން ޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވެ މިރޭ އެމަނިކުފާނު ވަނީ ވަކިވަކިން ސަރުކާރުގެ ގިނަ ކަންކަމަށް ފާޑުވިދާޅުވެފަ އެވެ.

ޖަލުގައި ހުންނެވި އިރު ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އިން ސަލާމަތްވާން މަސައްކަތް ކުރަން ރިސާޗް ކުރެއްވުން ފަދަ ހައްގުތައް ފަހިކޮށް ނުދެއްވި ކަމަށް ވިދާޅުވި އެވެ. ޖަލު ބަންދުގައި ތިބޭ މީހުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ދީލަތިވާން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކީއްވެތޯ އިންޓަނެޓަށް ވަދެ، އަޅުގަނޑުގެ މައްސަލައާ ގުޅުން ހުންނަ ހެން ހީވާ ކަހަލަ މައްސަލަތައް ކިޔަން އަޅުގަނޑަށް ފުރުސަތު ނުދޭންވީ. އަޅުގަނޑު ލޯޔަރުންނަށް އިތުބާރުކުރަން. އެކަމަކު އަޅުގަނޑުގެ ނަފްސު ދެއްތޯ މި އުޅެނީ ކަތިލެވިގެން،" ޔާމީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ފަހު "ޔާމީން ހުންނަވަނީ ކުކުޅު ބިރިިޔާނީ ކައިގެން، ވަރަށް ހަމަޖެހިފައޭ" ވިދާޅުވިޔަސް، ޖަލުގައި ހުންނަވަނީ ކާން ނުލިބިގެން ނޫން ކަމަށް ވިދާޅުވި އެވެ. އިދިކޮޅު ލީޑަރުގެ ގޮތުގައި ބޭނުންވަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށާއި މިސްރާބެއް ނެތް މި ސަރުކާރުުގެ ހުސް ވާހަކަތަކުން ރައްޔިތުންނަށް ފުދިއްޖެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމަށް ވެރިކަމުގެ ފުރުސަތު ދެން ލިބިއްޖެ ނަމަ އެއް ކަމަކަށް ޖަލު ބަންދުގައި ތިބޭ މީހުންނަށް ރިސާޗް ކުރުމުގެ ހައްގު ލިބެން ޖެހެ އެވެ. އެންމެ ތަހުޒީބީ ގައުމުތަކުގައި ވެސް އެއީ ގައިދީންނަށް އޮންނަ ހައްގެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ވޭތުވެދިޔަ ތިން އަހަރު އޮތީ ބޮއްސުންލައިފަ އެވެ. މިއީ، ހުސް ވައުދުތަކެއްވެ، ތަންފީޒުކުރަން ނޭނގޭ ސަރުކާރެއް ކަމަށާއި އެ ހިސާބުން "ފުދިއްޖެ" ކަމަށް ރައްޔިތުން ނިންމަން ވެއްޖެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމުގެ މަސައްކަތް ދެން ފެންނާނީ މިރޭ ކާނިވާ ފުރާލައި އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓަކަށް ވާން އެދޭ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވި އެވެ. ގައުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ހޯދުމަކީ "ކުށްވެރިވާ" ކަމެއް ކަން އެމަނިކުފާނުގެ ޖަލު ބަންދުން އެނގިވަޑައިގެންނެވި ކަމަށާއި އެހެންވިޔަސް ރައްޔިތުންނަށް އެދޭތީ ފަހަތަށް ޖެހިވަޑައިގެންނެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މުސްތަގިއްލުކޮށް ގައުމު ހިންގަން ނޭނގޭ ނަމަ އެންމެ ރަނގަޅުވާނީ ދުރަށް ޖެހިލުން ކަމަށާއި ޕްރޮމޯޓްކުރި ރަށްވެހި ފަތިހަކަށް އަލި ނުވިލުނު ޔާމީން ކަމަށް ވިދާޅުވި އެވެ.