އިލްޔާސަށް މެލޭޝިއާ އެމްބަސީން ރަމްޒީ މަގާމެއް

ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިނަށް މެލޭޝިއާގެ އެމްބަސީން ރަމްޒީ މަގާމެއް ހަމަޖައްސައިފި އެވެ.


އާއިލާ އެކު މެލޭޝިއާގައި ދިރިއުޅުއްވާ އިލްޔާސް އައްޔަން ކުރެއްވީ ކައުންސެލަ ޓު ދަ އެމްބެސެޑަރުގެ މަގާމަށެވެ. މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކީ ވިސާމް އަލީ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި ރަމްޒީ މަގާމަަކަށް ވާތީ އިލްޔާސަށް މުސާރަ ނުވަތަ އިނާޔަތެއް ވެސް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

ޝައިހް އިލްޔާސަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ރިޔާސީ އިންތިހާބުގެ އެންމެ ފަހު ޖަލްސާއެއްގެ ގޮތުން ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ބައިވެރިވަޑައިގަތެވެ.

މި ސަރުކާރަށް އިލްޔާސް ތާއީދު ކުރައްވަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ. އަނިޔާވެރިވުމަކީ، އިސްލާމްދީނުގައި ކިހާ ނުބައި ކަމެއް ކަން އޮޅުންފިލުވައިދޭން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ހިމެނުމުން، އިލްޔާސަށް ދީނީ އިލްމުވެރިންގެ ފާޑުކިއުން އަމާޒުވި އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފަށައި ކުރީގެ ސަރުކާރުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނެގި އެވެ.