ފަރުކޮޅުގައި އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް: ހައި ކޯޓް

ށ. ފަރުކޮޅުގައި އެއާޕޯޓެއް ހެދުމަށް ހަވާލު ކުރުމަށް ފަހު އެކަމުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.


ފަރުކޮޅުގައި އެއާޕޯޓެއް ހަދައި، ހިންގުމަށް އަރާމް ޓްރެވަލްސްއާ ސަރުކާރުން ހަވާލުކުރީ ޖޫން، 2013 ގަ އެވެ. އަދި އެ އެއްބަސްވުމާ އެކު، ގއ. އިންނަހެރާ އާއި އެރަށާ ގުޅިފައިވާ މެދަރެހާ އާއި މައްތުހެރާގެ އިތުރުން މެދުބުރިޔާ އަދި މާފެހެލާގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި 50 އަހަރަށް އޮތީ އެ ކުންފުންޏަށް އެ ދިނުމަށް ވެސް ސަރުކާރުން އޮތީ ވަކި އެއްބަސްވުމެއް ހަދައިފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރި ފަހުން، ފަރުކޮޅުގެ ތިމާވެށްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހެދި އީއައިއޭ ރިޕޯޓުގައި، އެ އެއާޕޯޓްގެ މަޝްރޫއުގެ ސަބަބުން ފަރުކޮޅުގެ ތިމާވެށްޓަށް ބޮޑެތި ގެއްލުންވާނެ ކަމަށް ބުނެފައިވާތީ ކަމަށް ބުނެ 2014 ވަނަ އަހަރު ސަރުކާރުން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމައި، އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ އަރާމް ޓްރެވަލްސް އިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ގައި ހުކުމް ކޮށްފައި އޮތީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

އެ މައްސަލަ އެ ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ ހޯމަ ދުވަހު ނިިންމީ ދަށު ކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ މަޝްރޫއެއްގެ ސަބަބުން ތިމާވެށްޓަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ އެ މަޝްރޫއެއް ކުރިއަށް ނުގެންދަން ނުވަތަ މަޝްރޫއުއަށް ބަދަލު ގެންނަން ނިންމުމުގެ ބާރު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި ފަރުކޮޅުގައި އެއާޕޯޓް ހެދުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމީ އެތަނުގެ އީއައިއޭ ރިޕޯޓުގައި، އެ ރަށަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ތަނަކަށް ވާތީ އެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، ތިމާވެށްޓަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެތީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަމަކީ އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ހީކުރެވިފައި ނެތް ހާލަތެއް ކަމަށާއި އަދި އެ ހާލަތް މެދުވެރިވީ ވެސް ސަރުކާރުގެ އިހުމާލުން ނޫން ކަން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ކޮންޓްރެކްޓާ ބެހޭ ގާނޫނު އޮތްގޮތުން ކޮންޓްރެކްޓްގެ ބައިވެރިން ހީނުކުރާ ފަދަ ހާލަތެއް މެދުވެރިވެގެން ނުވަތަ ގާނޫނެއް ހިންގުމުގެ ސަބަބުން، ކޮންޓްރެކްޓްގައި ކުރުން ލާޒިމްކުރާ ކަންކަން ނުކުރެވޭ ހާލަތެއް ދިމާވެއްޖެ ނަމަ، އެ ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވިދާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެއާޕޯޓް ހެދުމުގެ އެއްބަސްވުމާ އެކު، އަރާމް ޓްރެވަލްސް އަށް ރިސޯޓް ހެދުމަށް ރަށްތަކެއް ދޫކުރަން ސަރުކާރުން ވަކި އެއްބަސްވުމެއް ހަދާފައި އޮތަސް، އެ ރަށްތައް ދޭން އެއްބަސްވީ އެއާޕޯޓް ހެދުމުގެ މުގާބިލެއްގެ ގޮތުގައި ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއްބަސްވުން އޮތްގޮތުން ރިސޯޓް ހަދަން ފެށުމުގެ ކުރިން އެއާޕޯޓްގެ މަސައްކަތް ފަށަން ޝަރުތު ކޮށްފައިވާ ކަމަށާއި އެކަމަކު އެ ޝަރުތު ފުރިހަމަ ނުކުރެވޭނެ ފަދަ ހާލަތެއް އޮތުމުން ރިސޯޓް ހަދަން ރަށްތައް ދިނުމުގެ އެއްބަސްވުން ކުރިއަށް ގެންދަން ސަރުކާރުގެ މައްޗަށް ލާޒިމް ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.