ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް ފަސް ދުވަހުގެ ނޯޓިހެއް ދެނީ

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް ފަސް ދުވަހުގެ ނޯޓިހެއް ދޭ ގޮތަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.


މަޖިލިހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ ގުޅޭ ގޮތުން ކޮންމެ ހަފްތާއަކު އެއް ފަހަރު މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވަ އެވެ. އަދި ދާއިމީ 17 ކޮމިޓީގެ މުގައްރިރުންނާއި ނަޝީދު ހަފްތާއަކު އެއް ފަހަރު ބައްދަލު ކުރައްވަ އެވެ.

މަޖިލިހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މުގައްރިރުންނާ އެކީގައި ނަޝީދު ބާއްވަވާ ބައްދަލުވުންތަކުގައި ކޮމިޓީތައް ހިންގުމުގައި ދިމާވާ ދަތިތައް އޮޅުން ފިލުއްވާ ކަމަށެވެ. އެގޮތުން، ކޮމިޓީތަކަށް ހާޒިރުކުރާ މީހުންނަށް ފަސް ދުވަހުގެ ނޯޓިހެއް ދިނުމުން ނޫނީ ހާޒިރު ނުކުރެވޭ ގޮތަށް ނަޝީދު ނިންމަވާފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

"އެ ބޭފުޅުންނަށް ތައްޔާރުވާން ފަސް ދުވަހުގެ މުހުލަތެއް މީގެ ފަހުން އެރުވޭނެ،" ނިއުޝާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާ އެކު ކުރިއަށްދާ އިރު، ފުލުފުލުގައި ބާއްވާ ކޮމިޓީތަކުގެ މަސައްކަތުގައި މެމްބަރުން އުޅުއްވަނީ ވަރަށް އަވަދިނެތި އެވެ.

މީގެ ކުރިން މަޖިލިހުގައި އަމަލު ކުރާ އުސޫލަށް ބަލާ އިރު، ކޮމިޓީތަކުން ވަޒީރެއް، މިނިވަން މުއައްސަސާތަކުގެ މެމްބަރެއް ނުވަތަ ކުންފުންޏެއްގެ އިސް ބޭފުޅަކު ހާޒިރު ކުރަން ނިންމާތާ އެއް ދުވަހުގެ ތެރޭގައި ކޮމިޓީ އަށް ހާޒިރުކޮށް ޖަވާބުދާރީކޮށްފައި ވެސް އެބަ ހުއްޓެވެ. އެ ބޭފުޅުންނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ. އަދި ތައްޔާރުވާން ވަގުތު ލިބިވަޑައިނުގަންނަވާތީ އެކަމުގެ ޝަކުވާ ވެސް އެ ބޭފުޅުން ކުރައްވަ އެވެ.

ނިއުޝާ ވިދާޅުވީ އަންނަ ހަފްތާގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ކޮމިޓީތަކަށް ހާޒިރުވާން އަންގާފައިވާނެ ކަމަށެވެ. އެއީ އާސަންދަ، ޔޫތު މިނިސްޓްރީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، އިލެކްޝަންސް ކޮމިޝަން، މީޑިއާ ކައުންސިލް، ހައުސިން މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީސް، ހިއުމަން ރައިޓްސް ކޮމިޝަން، ޖެންޑަ މިނިސްޓްރީގެ ބޭފުޅުންނެވެ. އަދި ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައިގައި ވެސް ކަމާ ގުޅޭ އިދާރާތައް ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.