ހެންވޭރު ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން 16 މީހަކު ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައިވާ ކަމަށް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީ ކައިރީގައި ހުންނަ ހ. ޓެންސްޓާގޭ ހަ ވަނަ ފްލޯގަައި ހަދާފައި ހުރި ކުޑަ ގެ ގަނޑެއްގައި ރޯވެ އެ ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެތަނުގައި ރޯވީ ފުލުހުން ބުނެފައިވާ ގޮތުގައި ޖެހިގެން ހުރި ގޭގައި ވެލްޑިން ކުރަނިކޮށް އަލިފާން ބުރައި ގޮދަޑިއެއްގައި އަލިފާން ހިފުމުންނެވެ.
ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ އަލިފާން ނިއްވުމުގެ ތެރޭގައި ގޭގެ ކަރަންޓު ބޯޑުތަކަށް ފެން އެޅި، ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މި ވަގުތަށް އެ ގޭގައި ދިރިއުޅެން ދަތިތަކެއް ކުރިމަތިވެފައިވާތީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމަށް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުން ބުންޏެވެ.
އެކަމަކު، އެމީހުން އަލުން އެ ގެއަށް ބަދަލު ކުރެވޭނެ އިރެއް ސެންޓަރުން ނުބުނެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ގޭގައި ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތި ވަނީ އަނދައި ހުލިވެފަ އެވެ. އޭގެ ތެރޭގައި އޭސީ އާއި އެކްސަސައިޒްކުރާ ބައިސިކަލަކާއި ލަކުޑި އަލަމާރިއަކާއި ގޭގެ ދޮރެއް ހިމެނެ އެވެ.
އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހެނދުނު 11:11 ހާއިރު އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 11:35 ހާއިރު އެވެ.