މުއައްސަސާތަކަށް މެމްބަރުން ނެގުމަށް މުގައްރިރުންގެ ކޮމިޓީއެއް ހަދަނީ!

މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމާއި ފަނޑިޔާރުން ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ހާއްސަ ކޮމިޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލިހުގެ ގަވައިދަށް ބަދަލުތަކެއް ގެނެސް، 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، މިނިވަން މުއައްސަސާތަކަށް ލިބޭ ބައެއް ބާރުތައް ވަނީ އެހެން ކޮމިޓީތަކަށް ބަހާލައިފަ އެވެ. އެގޮތުން ބައެއް މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އެހެން ކޮމިޓީތަކަށް ދީފައިވެ އެވެ.

މަޖިލިހުން ދާދި ފަހުން ފާސް ކުރި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީ އަށް ލިބޭ އިރު، ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮތީ ޖުޑިޝަރީ ކޮމިޓީ އަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން ކަނޑައެޅުމުގެ ބާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް އޮތް އިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީތަކަށެވެ.

ދެން ބާކީ ހުރި މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ކޮމިޓީއަކުން ކަމެއް ނިންމިޔަސް، އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް އަހަން ގަވައިދު ލާޒިމެވެ.

ރައްޔިތުންގެ އަޣުލަބިއްޔަތު ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ނެގުމަށާއި އިންޓަވިއު ކުރުމަށާއި މެމްބަރުން ވަކި ކުރުމަށް ހާއްސަ ވަކި ކޮމިޓީއެއް އުފައްދަވަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު.---ފޮޓޯ: ރައީސް އޮފީސް

"ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ގަވައިދަށް އެ އިސްލާހު ގެންނަން. އެ ކޮމިޓީ ޗެއާ ކުރައްވަން ބޭނުންފުޅު ވަނީ ވެސް ނަޝީދު. ޑްރާފްޓެއްގެ ގޮތުގައި އެކަން ހުށަހަޅުއްވާފައި ވަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި އެވެ.

މަޖިލިހުގެ ގަވައިދަށް ނަޝީދު ގެންނަވަން ބޭނުންފުޅުވާ އިސްލާހުގެ ޑްރާފްޓް މެމްބަރުންނަށް ލިބިވަޑައިގަތުމުގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މިއަދު ތާވަލް ކުރި އެވެ. އެކަމަކު، ހިޔާލު ތަފާތުވުންތަކަކާ ހުރެ، ކޮމިޓީ ބައްދަލުވުން ކުރިއަކަށް ނުގެންދެވުނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި ހިޔާލު ތަފާތުވުން އުފެދުނީ އިންޓަވިއު މަޑުޖައްސާލަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެންގެވުމުން ކަމަށެވެ. އިންްފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން އޭރު އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ކޮމިޓީން އޮތީ އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަވިއު ކެންސަލް ކުރަން ޖެހޭނީ ކޮމިޓީ ބައްދަލުވުމަކުން ކަމަށް ވާތީ، ކޮމިޓީ ބައްދަލުވުމެއް ބާއްވައިގެން އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ކޮމިޓީގެ މެމްބަރުންގެ މެދުގައި ވެސް މިކަމުގައި ހިޔާލު ތަފާތުވި. ބައެއް މެމްބަރުން ވިދާޅުވި އައިސްދާނެ ބަދަލަކަށް ކޮމިޓީގެ މަސައްކަތް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް. އިންޓަވިއު އަށް ވަޑައިގެން ބޭފުޅުން ތިއްބެވީމަ އެކަން ކުރިއަށް ގެންދިއުމަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

"އެހެން ބޭފުޅުން ވިދާޅުވީ އިންޓަވިއު ކުރުން އެއީ ބޭކާރު މަސައްކަތަކަށް ވެދާނެތީ ނަޝީދު އަދި އެމްޑީޕީގެ ޕީޖީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް."

ރޮޒެއިނާ ވިދާޅުވީ ނަޝީދާ މަޝްވަރާ ކުރެއްވުމުން ގަވައިދަށް ބަދަލެއް ނާންނާތީ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ލަފާ ދެއްވި ކަމަށެވެ. އެކަމަކު، އާޒިމްއާ މަޝްވަރާ ކުރެއްވުމުން އިންޓަވިއު ކުރިއަށް ނުގެންދަން އަނެއްކާ ވެސް ލަފާ ދެއްވި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އެހެންވެ އަލުން ކޮމިޓީ ބާއްވައި، މެމްބަރުންގެ މަޝްވަރާގެ މަތިން ނިންމީ އިންޓަވިއު ފަސް ކުރަން،" އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޗީފް ވިޕް ކަން ކުރައްވާ ރޮޒެއިނާ ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު މިވަގުތު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަކީ ރޮޒެއިނާ ވިދާޅުވި ގޮތުގައި އޭނާ އާއި މެމްބަރުންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން، ކޮމިޓީގެ މަސައްކަތް އަވަހަށް ކުރިއަށް ދެވޭނެ ގޮތެއް އެނގިގެން ދިއުމަކީ މެމްބަރުންގެ އެދިވަޑައިގަތުމެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.