ހިތުގެ އޮޕަރޭޝަނަށް އާސަންދަ ދޭން އޭޑީކޭ އިން އެދެފި

ރާއްޖޭގައި ހިތުގެ އޮޕަރޭޝަންތައް ކުރުމުގެ ހަރަދު އާސަންދައިން އެއްކޮށް ކަވަރުވާނެ ގޮތެއް ހަމަޖައްސައިދޭން އޭޑީކޭ ހޮސްޕިޓަލުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އަރިހުން މިއަދު އެދެފި އެވެ.


ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ހަފުލާގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޮޕަރޭޝަންތަކަށް ހޭދަވާ ހަރަދު ދައުލަތުގެ އިންޝްއަރެންސް ސްކީމުން އެއްކޮށް ކަވަރު ނުކުރާތީ ގިނަ މީހުންނަށް ދަތިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަފްއާލް ވިދާޅުވިގޮތުގައި އެފަދަ އޮޕަރޭޝަނެއް ރާއްޖޭން ކުރާ ނަމަ އާސަންދައިން ކަވަރުކުރަނީ 75 ޕަސެންޓެވެ. ރާއްޖެއިން ބޭރުން ކުރާ ނަމަ އެއްކޮށް ކަވަރު ކުރެ އެވެ. އަފްއާލް ވިދާޅުވިގޮތުގައި އެ ނިޒާމަށް ބަދަލު އަންނަން ޖެހެ އެވެ.

ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަނަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ކޭކް ފަޅަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ރާއްޖޭން ބޭރުން އަޅުގަނޑުމެންނާ ކޮމްޕެޓިޓިވް އަގުތަކެއްގައި ނޫނީ ބައެއް ފަހަރު އަގު ބޮޑުކޮށް ކުރާއިރު ވެސް އެއްކޮށް ކަވާ ވޭ،" ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލްގެ އެމްޑީ ވިދާޅުވި އެވެ.

"އެގޮތަށް[އާސަންދައިން އެއްކޮށް ހަރަދު ކުރާގޮތަށް] ހަމަޖެހިއްޖެ ނަމަ މިހާރަށް ވުރެ މި ނިޒާމަށް މީހުންގެ އިތުބާރު ހޯދޭނެ."

އައްފާލްގެ މި ވާހަކައާ ގުޅިގެން "މިހާރު"ން މިނިސްޓަރު އަމީނަށް ސުވާލުކުރުމުން ވިދާޅުވީ އެކަން މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ވެގެންދާއިރު އެ ކަންކަމަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާސަންދަ ދޭގޮތާއި އެންސްޕާގެ ހިދުމަތް ދޭ ގޮތް ރިފޯމް ކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށް އެބަދޭ. ވަށައި ޖެހިގެން އަންނައިރު [އެފަދަ] ކަންކަމަށް ހައްލު އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭޑީކޭގެ ހިތުގެ ޑޮކްޓަރު މުހައްމަދު ޝާފިއުއާ މިނިސްޓަރު އަމީން ސަލާމް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭޑީކޭން ހިތުގެ މި އޮޕަރޭޝަންތައް ކުރަނީ ޕެކޭޖްތަކަށް ބަހާލައިގެން ހަރަދު ކުރާ ގޮތަށެވެ. އޯޕަން ހާޓް ސާޖަރީއެއް ކުރަނީ 77،550ރ. އަށެވެ. އެއީ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހިސާބުން ފެށިގެން، އޮޕަރޭޝަނަށް ފަހު ބާއްވާ ކޮޓަރީގެ ކުލި ވެސް ހިމަނައިގެންނެވެ.

އެއް އަހަރު ތެރޭގައި އޭޑީކޭން ވަނީ ހިތުގެ 21 އޮޕަރޭޝަން ކޮށްފަ އެވެ. އެއީ 15 ބައިޕާސް އޮޕަރޭޝަނާއި ހަ އޯޕަން ހާޓް ސާޖަރީ އެވެ. އެންމެ ދުވަސްވީ މީހަކަށް އޮޕަރޭޝަން ކޮށްފައިވަނީ 82 އަހަރުގެ ދިވެއްސެއްގެ ބައިޕާސް އޮޕަރޭޝަނެވެ. އެ އޮޕަރޭޝަން ކާމިޔާބުއިރު އޭނާ ހެޔޮހާލުގައި މިހާރު ވެސް އެބައުޅެ އެވެ.

އަފްއާލް ވިދާޅުވިގޮތުގައި ރާއްޖެން ބޭރަށް ދިއުމުގެ ބަދަލުގައި އެ ހޮސްޕިޓަލުން ހިތުގެ އޮޕަރޭޝަން ކުރުމަށް މިހާރުވެސް ބައެއް މީހުން އާދެ އެވެ. އަދި ބަލި މީހުން އޮޕަރޭޝަންގެ އިންތިޒާރުގައި ގިނަ ދުވަހު ތިބެން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ ހިދުމަތްތައް ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ އެ ހޮސްޕިޓަލަކީ ހަރުފަތްތައް ގިރާކުރުމުގައި ނަމޫނާއެއް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިއުމަށް ވާދަވެރިކަން އުފެދޭ ކަމަށް ވިދާޅުވި އެވެ.