ކުރިއަށް މިއޮތް ބޮޑު އީދުގައި މާލޭގައި ތާށިވެފައި ތިބި މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ފާހަގަކުރަން ނަގާ ހުރިހާ މަޖަލެއް މާލޭގައި ތިބެގެން ބަލައިލަން ފުރުސަތު ލިބެނީ އެވެ. ދާންވީ ހުޅުމާލެ އަށެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން މިވަނީ ހުޅުމާލޭގައި ވަރަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ނިންމާފަ އެވެ. ބޮޑުބެރާއި، އީދު ސަޔާއި، އީދު ސަލާން އެކަންޏެއް ނޫނެވެ. ބޮޑު މަސް ބޭނުމުގެ ކުޅިވަރާއި ކޯޑި ކެނޑުމާއި ސަގާފީ އެހެން ކުޅިވަރުތައް ވެސް އެބައޮތެވެ. މާލި ޕެރޭޑާއި، ފުޅަނދުބުރު އަދި މޫދު ކުޅިވަރުތައް ވެސް ހުޅުމާލޭގައި އެބައޮތެވެ.

ފައިގައި ތަޅާ، ގޯނި ރޭސް، ލުނބޯ ރޭސް، އާއިލީ ކާޑު، ތިންފައި ރޭސް އަދި އެމްއެންޑީއެފްގެ ހަރަކާތްތަކާއި މިއުޒިކް ޝޯ ވެސް އެބައޮތެވެ. ރަށްރަށުގައި އެ ޖަހާ އީދު ހުޅުޖެހުން ވެސް އީދު ވިލޭރޭގައި އެބައޮތެވެ.

އީދުގެ ހަރަކާތްތައް ފެށުން އޮތީ މާދަމާރޭ 10:00 ގައި އީދު ހުޅުޖެހުމުންނެވެ. މިކަން ފަށާނީ ބޮޑުބެރާ އެކު ސެންޓްރަލް ޕާކުންނެވެ. އަދި ރުއްގަނޑު ސަރަހައްދަށް ގޮސް އީދު ހުޅުޖެހުން އޮންނާނެ އެވެ.

އަނެއް ދުވަހު އީދު ނަމާދު އޮންނާނީ އަލަށް ހަދާފައިވާ ސިންތެޓިކް ޓްރެކްގަ އެވެ. އަދި ނަމާދަށް ފަހު އެންމެން އެކުގައި ސައި ބުއިމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. ސަޔަށް ފަހު ހެނދުނު 10:00 ގައި ރުއްގަނޑު 1 ގައި ކޯޑި ހެދުން އޮންނާނެ އެވެ. މިއީ މިއީ ކޯޑި ތައްޔާރުކުރާ ގޮތް ބެލުމާއި ދަސްކުރުމުގެ ފުރުސަތު ލިބޭ ހަރަކާތެކެވެ.

އީދު ދުވަހު ހަވީރު 4:00 ގައި ރެހެންދި ސްކޫލުން މާލި ޕެރޭޑް ފަށާނެ އެވެ. މި ޕެރޭޑް ނިންމާނީ 6:00 އަށް، ސެންޓްރަލް ޕާކަށެވެ. މާލި، ބޮޑުމަސް، ކޯޑި، ސަގާފީ ނެށުން، ބޮޑުބެރު އަދި ފްލޯޓްތައް ވެސް މި ޕެރޭޑްގައި ބައިވެރިވާނެ އެވެ. އެ ރޭ 8:30 ގައި ބޮޑުމަސް ބޭނުން ގާޒީ ސްކޫލް ކުރިމަތީގައި އޮންނާނެ އެވެ.

ހޯމަ ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އީދުގެ އެކި ކުޅިވަރުތައް ރުއްގަނޑު ސަރަހައްދުގައި އޮންނާނެ އެވެ. އޭގެ ތެރޭގައި ފައިގަތަޅާ، ގޯނި ރޭސް، ލުނބޯ ރޭސް، އާއިލީ ކާޑު، ތިން ފައި ރޭސް ހިމެނެ އެވެ. މީގެ އިތުރުން އެމްއެންޑީއެފްގެ ބައެއް ހަރަކާތްތަކާއި މޫދު ކުޅިވަރު ވެސް އޮންނާނެ އެވެ.

އާދީއްތަ ދުވަހުން އަންގާރަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ސެންޓްރަލް ޕާކްގައި ވެސް ހަރަކާތްތައް އޮންނާނެ އެވެ.

އީދު ޝޯ އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ސެންޓްރަލް މޯލްގަ އެވެ.

އެހެންވީމާ އީދު ދުވަހު ހެނދުނު ހުޅުމާ ލެއަށް ގޮސް ކުލަޖަހައި ފެންޖަހާފައި މޫދަށް އެރިގެން އެނބުރި މާލެ އަންނަން ޕްލޭންކޮށްފައި ތިބި މީހުންގެ ޕްލޭން ބަދަލުކޮށްލާށެވެ. އީދުގެ ކުރިން ހުޅުމާލެ އަށް ގޮސް ނިދާލާނެ ތަންކޮޅެއް ހޯދައިގެން އީދު އެއްކޮށް ހޭދަކޮށްލަން ވީ ހުޅުމާލޭގަ އެވެ.

އީދު ވިލޭރޭއިން ފެށިގެން މި މަހު 13ގެ ނިޔަލަށް ކުޅިވަރުތައް އެބައޮތެވެ. އެހެންވީމަ މި ޗުއްޓީގައިި މާލޭގައި ބަންދުވީއޭ ކިޔައިގެން ޝަކުވާ ނުކޮށް މި އޮތީ ރަށްރަށުގައި އީދު ފާހަގަކުރާ ގޮތަށް އީދު ފާހަގަކުރުމުގެ ފުރުސަތު ލިބިފަ އެވެ.