މިދިޔަ މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވެއްޖެ: އެޗްޕީއޭ

މިދިޔަ މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ.


އެޗްޕީއޭ އިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، މިދިޔަ ޖުލައި މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށާއި އެ ބަލި އާންމުކޮށް ފެތުރެނީ އޭގެ އަސަރު ކޮށްފައިވާ މީހުންގެ ފަރާތުން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެހެންވެ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ކުޑަކުދިންގެ ނެޕީ ބަދަލު ކުރުވުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ ޓްވީޓް

މީގެ އިތުރުން ބޭރަށް ހިންގުމަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ތައިފޮއިޑް ހުމުގެ އަލާމާތެއް ކަމަށް ވެސް ބެލެވިދާނެ ކަމަށާއި އެފަދަ ހުން މަދުން ނަމަވެސް ފެންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ތައިފޮއިޑް ހުމުގެ އިތުރު އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި ގަދައަށް ހުން އައުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ތައިފޮއިޑް ޖެހިފައިވާ ކަން ދެނެގަނެވޭނީ ޓެސްޓްތަކެއް ހެދުމަށް ފަހު އެވެ. އަދި އެންޓި ބައޮޓިކް ދީގެން އެއަށް ފަރުވާކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.