އައްޑޫގެ ތާރު އެޅި މަގުތަކުގައި އަލުން ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް ސަރުކާރުން އިއްޔެ ފަށައިފި އެވެ.
ސްޕީޑް ބްރޭކަރުތައް ނެއްޓިފައިވާތީ، އަލުން އެ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ހައުސިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްގެންނެވެ.
ކުރިން ހުރި ސްޕީޑް ބްރޭކަރުތައް ނެގީ މިދިޔަ ހަފުތާގަ އެވެ.
ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް "މިހާރު" އަށް މިއަދު ވިދާޅުވީ ބްރޭކަރުތައް އަލުން އަޅަން ފެށީ އިއްޔެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ނިންމާލަން މަސް ދުވަސް ނަގާނެ އެވެ.
ފައިސަލް ވިދާޅުވީ މަގުތަކުގައި އެޅި ގިނަ ބްރޭކަރުތައް ނެއްޓުނީ ތާރުގަނޑު ހޫނުވުމުގެ ސަބަބުން ފަސޭހައިން ނެއްޓިގެންދާ ކަމަށެވެ. ނަމަވެސް އަލުން ސްޕީޑް ބްރޭކަރު އަޅަނީ ކުރިން އެޅި ތަންތަނުގައި އޮތް ތާރު ލޭޔާ ނެގުމަށް ފަހު، ކޮންކްރިޓް ލޭޔަރެއް އެޅުމަށް ފަހު އޭގެ މަތީގަ އެވެ.
"ތާރުގަނޑު ހޫނުވެގެން އަސްލު ބްރޭކަރުތައް ދޫވެގެން ނެއްޓެން ދިމާވީ. އެހެންވެ ކޮންކްރިޓް ލޭޔާއެއްގެ މަތީގައި މިހާރު މި އަޅަނީ. އޭރުން މާ ވަރުގަދަވާނެ. އިސްކުރުތަކާ އެއްޗެހި ވެސް ކޮންކްރިޓްގައި ހަރުލާނެ މާ ވަރުގަދަކޮށް،" ފައިސަލް ވިދާޅުވި އެވެ.
އައްޑޫގެ ތާރު މަގުތަކުގައި އެޅި ސްޕީޑް ބްރޭކަރުތައް ނެގުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ ބްރޭކަރުތައް އެޅިތާ އެހާ ގިނަ ދުވަސް ވެސް ނުވަނީސް ނެއްޓެން ދިމާވީ ފަރުވާ ކުޑަކޮށް އެ މަސައްކަތްކޮށްފައި ހުރުމުން ކަމަށެވެ.