އެމްއެމްޕީއާރްސީގެ ފައިސާއާ މެދު އަމަލުކުރީ ރައީސް ޔާމީން އެންގެވި ގޮތަށް: ޒިޔަތު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކުރައްވައި، ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް އަމަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވާ ގޮތަށް ކަންތައް ކުރެއްވުމަށް އެންގެވި ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ޔާމީނުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑްރިންގެ ކުށުގެ ދުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ އެމެއެމްޕީއާރުސީގެ ފައިސާއާ މެދު އަމަލުކުރާނެ ގޮތުގެ އިރުޝާދު ޔާމީން ދެއްވީ ފޯނުން، އަނގަބަހުން ކަމަށެވެ. އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި އެ ކުންފުނިން ހިންގި ހުރިހާ މުއާމަލާތެއްގެ މައުލޫމާތު ވެސް ޒިޔަތު ނުވަތަ އަދީބު ޔާމީނަށް ދެއްވާފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ހުރިހާ ރަށްތަކާއި ފަޅުތަކުގެ މައުލޫމާތު ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޒިޔަތު ވިދާޅުވީ ޔާމީން ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުންނެވެ. ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކާ މެދު ގޮތް ނިންމަވަނީ ޔާމީން ކަމަށާއި އެކަން ބައެއް ފަހަރު އެނގެނީ އަދީބުގެ ފަރާތުން ކަމަށް ވެސް ޔާމީންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވި އެވެ.

"ރައީސް ޔާމީނު [ލީޒް އެގްރިމެންޓްތައް] ފައިނަލައިޒް ކުރާކަން އަޅުގަނޑު ކައިރީ ބުނަނީ އަހުމަދު އަދީބު، ނޫނީ ބައެއް ފަހަރު ފަހަރު ސީދާ ރައީސް ޔާމީން ވެސް [އެއްބަސްވުންތަކުގެ ކަންތައްތައް] ކުރިއަށް ގެންދަން އަޅުގަނޑަށް އަންގާފައި އޮތީ،" ޒިޔަތު ވިދާޅުވި އެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ދައުވާކުރަނީ ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިޔަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ދެ ފަަހަރެއްގެ މަތިން ނަގައި ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީން ޒިޔަތާ ކުރެއްވި ގިނަ ސުވާލުތައް އަމާޒުކުރެއްވީ އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ސައްހަ ގޮތުގައި ވެސް ވަދެފައި ހުންނާނެކަން ސާބިތު ކުރެއްވުމަށެވެ. އެގޮތުން އެސްއޯއެފާ އެކު އެމްއެމްޕީއާރުސީން ސައްހަ އެގްރިމެންޓްތައް ހަދާފައިވާކަމަށް ޒިޔަތު އެއްބަސްކުރުވަން ބާރު އެޅުއްވި އެވެ.

ރައީސް ޔާމީނު [ލީޒް އެގްރިމެންޓްތައް] ފައިނަލައިޒް ކުރާކަން އަޅުގަނޑު ކައިރީ ބުނަނީ އަހުމަދު އަދީބު، ނޫނީ ބައެއް ފަހަރު ފަހަރު ސީދާ ރައީސް ޔާމީން ވެސް [އެއްބަސްވުންތަކުގެ ކަންތައްތައް] ކުރިއަށް ގެންދަން އަޅުގަނޑަށް އަންގާފައި އޮތީ: ޒިޔަތު

އެގޮތަށް ޔާމީން ސުވާލުކުރެއްވުމުން ޒިޔަތު ވިދާޅުވީ އެސްއޯއެފާ އެގްރިމެންޓްތަކެއް ހަދައިގެން ކޮށްފައި ވަނީ ތަފާތު މުއާމަލާތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ "ރަށްތައް ވިއްކައިގެން އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ސައްހަ ގޮތުގައި އެސްއޯއެފަށް ވަދެފައި ނުވާނެ" ކަމަށެވެ.

"ދެންމެ ވިދާޅުވެއްޖައިމެއް ނޫންތޯ ވޮޑަމުލާގެ ފައިސާ ވެސް ،ޗެކު ވެސް އަދީބު ވިދާޅުވެގެން ތިމަންނަ ހަވާލުކުރީ އެސްއޯއެފާ އޭ. އެހެންވީމާ އެ ވަނީއެއް ނޫންތޯ އެސްއޯއެފަށް؟" ޔާމީން ސުވާލުކުރެއްވި އެވެ.

ޒިޔަތު ވިދާޅުވީ އެ ޗެކް އެސްއޯއެފާ ހަވާލުކުރީ އެއްބަސްވުމުގެ ދަށުން ނޫން ކަމަށާއި އެއީ އެގޮތަށް ކަންތައް ކުރަން އަންގާފައި އޮންނާތީ އަމަލުކުރި ގޮތް ކަމަށެވެ. މިހާރު ޝަރީއަތް ކުރިއަށްދާ މައްސަލައިގައި، ވޮޑަމުލާގެ ފައިސާ އެސްއޯއެފާ ހަވާލުކުރީ އެއްބަސްވުމެއްގެ ދަށުން، ސައްހަ ގޮތުގައި ނޫން ކަމަށް ޒިޔަތު ތަކުރާރުކޮށް ވިދާޅުވި އެވެ.

ޔާމީން ތަކުރާރުކޮށް ކުރެއްވި އަނެއް ސުވާލަކީ ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީ އަށް ލިބުނު އާމްދަނީ ސައްހަ ގޮތުގައި ވެސް އެސްއޯއެފަށް ޖަމާކޮށްފައި ވެދާނެކަން ނުވަތަ ނޫންކަން ކަށަަވަރު ކުރެއްވުމަށް ކުރެއްވި ސުވާލެކެވެ.

"އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބޭ ލާރީގެ ޗެކްތައް ހުންނާނީ އެމްއެމްޕީއާރުސީ އަށް ވަންނަ ގޮތަށް ޗެކް ހެދިފައި. އެމްއެމްޕީއާރުސީ އަށް ޗެކު ހެދިފައި ހުންނާނީ. ދެން އޭގެ ނުފުށުގައި އެންމެ ބޭފުޅެއްގެ ސޮޔެއް އޮވެގެން އަދި އޭތި އެންޑޯޒެއް ވެސް ނުވޭ. އެކަމަކު އަޅުގަނޑު ކައިރީ ރައީސް ވެސް އަދި ނައިބު ރައީސް އަދީބު ވެސް އަންގާފައި އޮންނަނީ އެ ޗެކްތައް އަދީބާ ހަވާލުކޮށްގެން ވަކިން މެނޭޖްކުރަން. އެހެންވީމާ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ އަޑު އެހުމުގެ ފުރަތަމަ ބައިގައި ހެކިބަސް ދެއްވީ އަދީބާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދެވެ. އަދީބު ހެކިބަސް ދެއްވި އިރު ޔާމީން އޭނާއާ ވެސް ގިނަ ސުވާލުތަކެއް ކުރެއްވި އެވެ. އަދި އެކަމުގެ ތެރޭގައި ދެ ބޭފުޅުން ވާހަކަ ދެއްކެވީ ޒުވާބަކަށް ވާ ފަދަ ގޮތަކަށެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތް ދެން އޮންނާނީ ސެޕްޓެމްބަރު ތިނެއްގައި ކަމަށް އިސް ގާޒީ އަހްމަދު ހައިލަމް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އިއުލާނުކުރެއްވި އެވެ.