ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހަތަރު ބޭފުޅަކު މިއަދު ކުރިމަތިލައްވައިފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ބެންޗަށް އަލަށް އައްޔަންކުރާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހުޅުވާލައިފަ އެވެ. އޭގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފަ އެވެ. ރައީސް ފޮނުއްވި ދެ ނަމަކީ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަނޑިޔާރު ސަމީރު ވަނީ ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނަވައިފަ އެވެ.

ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުގެ ބެންޗުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށް ފަހު އޭނާ ހައި ކޯޓަށް އައްޔަންކުރީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ ހައި ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާ މެމްބަރު ކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ފަނޑިޔާރު ޝުއައިބު 2011 ގައި ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖުވެނައިލް ކޯޓުގެ އިސްގާޒީގެ މަގާމުގަ އެވެ. އޭގެ ކުރިން އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް ފަނޑިޔާރު ނިޔާޒު ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ.

އެ ހަތަރު ފަނޑިޔާރުންނަކީ ވެސް ހައި ކޯޓުގައި ބޮޑެތި މަދަނީ އަދި ޖިނާއީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ވެސް ބެއްލެވި ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ލިބިފައި ވުމެވެ. ސުޕްރީމް ކޯޓަށް މިހާތަނަށް ގިނައިން އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅުންނެވެ.