ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އެ ކޮމިޝަންގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު ކަމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ މެއި، 2017 ގަ އެވެ.
ފަނޑިޔާރު ރައޫފް ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އޭނާ އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ހަފުތާގައި އެދިވަޑައިގެންފަ އެވެ.
ރައޫފް ޖޭއެސްސީން އިސްތިއުފާ ދެއްވުމާ އެކު، ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަގާމަށް 30 ދުވަސް ތެރޭގައި އެ ކޮމިޝަނަށް ބޭފުޅަކު އިންތިޚާބުކުރަން ޖެހޭނެ އެވެ. ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު 11 ބޭފުޅަކު އެބަ ތިއްބެވި އެވެ.
ފަނޑިޔާރު ރައޫފްގެ އިތުރުން އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއް ސުއޫދު އައްޔަން ކުރުމާ މެދު ވެސް ޖޭއެސްސީގެ ލަފައަކަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.