ގުޅިފަޅުން ބިން ގަތް މީހުންނަށް ބޯހިޔާވަހިކަން ދޭން ގޮވާލާ ގަރާރެއް

އެމްޑީޕީގެ ސަރުކާރުގައި ހިންގި "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެ އިން ކުދި ބިންކޮޅު ދޫކޮށްލި މީހުންނާއި ގުޅި ފަޅުން ގޯތި ގަނެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ބޯހިޔާވަހިކަން ލިބިފައި ނުވާތީ އެކަން ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.


ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ވެރިރަށް މާލެއަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެ މީހުން ތޮއްޖެހިފައިވާ ތަނަކަށް ވާތީ އެކަމުގެ ސަބަބުން މާލޭގައި ބިންކޮޅެއް އޮވެ، އެ ބިންކޮޅު ކުޑަވުމުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ދަތިވެ، ބޯހިޔާވަހިކަމުގެ ހައްގުން މާލޭގެ ގިނަ ރައްޔިތުންތަކެއް މަހްރޫމްވެފައިވާ ކަމަށެވެ.

ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވި ވައުދެކެވެ.

އެހެންވެ، ސަރުކާރުން ބޯހިޔާވަހިކަމުގެ ބިލެއް އެކުލަވާލާ އިރު، އެ ބިލްގައި ކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި މާލޭގެ ރައްޔިތުންގެ ތެރެއިން އެމީހުންގެ މިލްކިއްޔާތުގައި ހުރި ބިންތައް ދޫކޮށްލަން ޖެހިފައިވާ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ގާނޫނަކުން ފަހިކޮށްދޭން ފެންނަ ކަމަށް ގަރާރުގައިވެ އެވެ.

މި ގަރާރުގައި ގޮވާލާފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅަން ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ ބިލް އަވަސްކޮށް ދިނުމަށާއި މާލޭގެ ރަށްވެއްސަކަށް ވެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުމަށެވެ.

މީގެ އިތުރުން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ދަތި ބިންކޮޅުތަކުގަ އާއި ކުދި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ އިން ނުވަތަ ގުޅި ފަޅުން ނުވަތަ ތިލަފުށިން އެކަށީގެންވާ ވަރުގެ ފްލެޓެއް ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުތައް ބިލްގައި ކަނޑައަޅަން ގަރާރުގައި އެދިފައިވެ އެވެ. އަދި ވެށިފަހި މާލެ ޕްރޮގްރާމް ހިންގާނެ އުސޫލެއް ބިލްގައި ކަނޑައަޅަން ވެސް ގަރާރުގައި އެދިފައިވެ އެވެ.

އެއްވެސް މީހަކު، އެމީހަކަށް ލިބިފައިވާ ބިންކޮޅެއް ދައުލަތަށް ދޫކޮށްލުމުން އޭގެ ބަދަލުގައި ގޯއްޗެއް ނުވަތަ ފްލެޓެއް މާލެ ސަރަހައްދުން ލިބޭނެ ހަމަތައް ބިލްގައި ހިމަނަން ގަރާރުގައި އެދުނެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިންކޮޅެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ މީހުންނަށް ހުޅުމާލެ އިން ބިމެއް ނުވަތަ ފްލެޓެއް ލިބޭނެ ކަން ބަޔާންކޮށް އެމްޑީޕީ ސަރުކާރުން އެމީހުންނަށް ލިޔުމެއް ދޫކޮށްފައިވިޔަސް، އެގޮތަށް ބިން ނުވަތަ ފްލެޓެއް ހައްގުވާ މީހުންގެ ތެރެއިން މިހާތަނަށް އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ލިބިފައި ނުވާ މީހުންނަށް އެ ބިލުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ފެންނަ ކަމަށް ގަރާރުގައިވެ އެވެ.

"އިސްވެ ދެންނެވި ކަންކަން ހާސިލް ކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން މިކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ މުހިންމު ކަން މި މަޖިލިހުން ފާހަގަކޮށް ސަރުކާރުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން މިކަންކަމަށް ހައްލެއް ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލިހުން ގޮވާލަމެވެ،" ގަރާރުގައިވެ އެވެ.

ގުޅިފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2010 ވަނަ އަހަރު ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށް ފަހު ނަޝީދު ވަނީ މީހުން ދިރިއުޅޭ ތަނަކަށް އެ ރަށް ހަމަޖައްސައިފަ އެވެ. އަދި ފްލެޓް އަޅަން ޖީޑީޕީން އެތައް ބައެއްގެ އަތުން ފައިސާ ވެސް ނެގި އެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޖީޑީޕީގެ އަތުން އެ ރަށް އަތުލައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގުޅިފަޅު އިންވެސްޓްމަންޓާ ހަވާލުކޮށްފަ އެވެ.

އެންމެ ފަހުން ސަރުކާރުން ނިންމީ ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ހުޅުމާލެއިން ފްލެޓު ދޭށެވެ.